އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް ލީޑްރޯލް އިން ސަލްމާން ހާން އަދި ކެޓްރީނާ ކައިފް ފެނިގެންދާ ފިލްމް "ޓައިގާ ޒިންދާ ހޭ" ޕާކިސްތާނުގައި ރިލީޒް ކުރުމުގެ ހުއްދަ އެ ގައުމުގެ ސެންސަރު ބޯޑުން ނުދޭން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި "ޓައިގާ ޒިންދާ ހޭ" ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު އިންޑިއާގައި ރިލީޒްކުރި ނަމަވެސް އެ ފިލްމް ޕާކިސްތާނުގައި ރިލީޒެއް ނުކުރެވޭނެއެވެ.
މިއީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ. އަދި އެ ފިލްމް ވެސް ޕާކިސްތާނުގައި ރިލީޒްކުރުމުގެ ހުއްދަ އެ ގައުމުގެ ސެންސަރު ބޯޑުން ދީފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން ބްރޮޑްކާސްޓިން ނެޝަނަލް އެންޑް ހިސްޓްރީ ލިޓެރަރީ ހެރިޓޭޖް އިން "ޓައިގާ ޒިންދާ ހޭ" ޕާކިސްތާނުގައި ރިލީޒް ކުރުމުގެ ހުއްދަ ދީފައި ނުވަނީ އެ ގައުމުގެ ސެންސަރު ބޯޑް އިން ދިން ލަފާގެ މަތިންނެވެ.
ސަލްމާން ހާން މި ފިލްމުގައި ފެނިގެން ދާނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ރޯލެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.