ކ. މާލެ
|
14 ޑިސެންބަރ 2017 | ބުރާސްފަތި 08:51
ސިލްވާ ލަނޑު ޖެހުމަށްފަހު އަގުއޭރޯއާއެކު އުފާ ފާޅުކުރަނީ
ސިލްވާ ލަނޑު ޖެހުމަށްފަހު އަގުއޭރޯއާއެކު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ސިޓީ ރެކޯޑު ހެދިއިރު ލިވަޕޫލްއަށް ގަދަ ހަތަރަކުން ފުރުސަތު ގެއްލިއްޖެ
ސިޓީ ވަނީ 4-0 އިން ސްވަންސީ ސިޓީ ބަލިކޮށްފައި
މިއީ ސިޓީ ޖެހިޖެހިގެން މޮޅުވި 15 ވަނަ މެޗު
ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވުމާއި ގުޅިގެން ލިވަޕޫލްއަށް ވަނީ ގަދަ ހަތަރަކުން ފުރުސަތު ގެއްލިފަ

އިނގިރޭސި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން 15 މެޗުން މޮޅުވެ މެންޗެސްޓާ ސިޓީއިން ރެކޯޑު ހެދިއިރު ލިވަޕޫލްއަށް ގަދަ ހަތަރަކުން ފުރުސަތު ގެއްލިއްޖެއެވެ.

ސިޓީއިން ރެކޯޑު ހެދީ ސްވަންސީ ސިޓީގެ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ. މި މެޗުގައި ސިޓީގެ ފަރާތުން ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެ ޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ގެންގުޅެ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުގައި ސްވަންސީއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ސިޓީއަށް ޖަހައިދިނީ ޑޭވިޑް ސިލްވާއެވެ. މި ލަނޑު އޭނާ ޖަހައިދިނީ ސިޓީއާ މި ސީޒަނުގައި އަލަށް ގުޅުނު ޕޯޗުގަލްގެ ފޯވާޑް ބަނާޑޯ ސިލްވާގެ އެހީތެރިކަމާއެކުއެވެ. ސިޓީގެ ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ލަނޑު ޖަހައިދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑެބްރައިނާއެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮވެ ސިޓީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކައި މެޗުގެ ކޮންޓްރޯލް ދަމަހައްޓާފައެވެ. އެގޮތުން 52 ވަނަ މިނެޓުގައި ސިލްވާ ވަނީ އޭނާ މެޗުގައި ޖެހި ދެވަނަ ލަނޑު ޖަހައި ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ. ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ 85 ވަނަ މިނެޓުގައި ޔާޔާ ޓޯރޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޖަހައިދިނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ.

މި މެޗުން މޮޅުވުމާއެކު ސިޓީއިން ވަނީ ޖެހިޖެހިގެން 14 މެޗުން މޮޅުވެ 2002 ވަނަ އަހަރު އާސެނަލްއިން ހެދި ރެކޯޑު މުގުރާލާފައެވެ.

ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ ދެކޮޅަށް ކުޅުނު މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވުމާއި ގުޅިގެން ލިވަޕޫލްއަށް ވަނީ ގަދަ ހަތަރަކުން ފުރުސަތު ގެއްލިފައެވެ. މި މެޗުގައި ދެ ޓީމުން ވެސް ލަނޑު ޖަހަން ފުރުސަތުތައް ތަނަވަސް ކުރިއިރު ވެސްޓް ބްރޮމްގެ ދެ ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ދަނޑީގައި ޖެހިފައިވެއެވެ.

ޕްރިމިއާ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އެވަޓަންވަނީ 1-0 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ. މި މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ވޭން ރޫނީއެވެ. ލެސްޓާ ސިޓީ ވެސް ވަނީ 4-1 ގެ ނަތީޖާއަކުން ސައުތްހެމްޕްޓަން ބަލިކޮށްފައެވެ. މި މެޗުގައި ލެސްޓާގެ ޝިންޖީ އޮކަޒާކީ ދެ ލަނޑު ޖަހައިދިންއިރު ރިޔާދް މަހަރޭޒްއާއި އެންޑީ ކިންގް ވަނީ ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހައިދީފައެވެ. ސައުތްހެމްޕްޓަންގެ ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޖަޕާންގެ ޑިފެންޑަރު މަޔާ ޔޮޝީޑާއެވެ.

ޕްރިމިއާ ލީގުގެ ތާވަލުގައި 49 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެވަނައިގައި 38 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް 35 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު 31 ޕޮއިންޓާއެކު ހަތަރުވަނަ ލިބޭނީ ޓޮޓެންހަމްއަށެވެ. ލަނޑުގެ ތަފާތުން ފަސްވަނަ ލިބެނީ ލިވަޕޫލްއަށެވެ.

- ކޮމެންޓް