ބޭރުގެ ޑިޕްލޮމެޓުންނާއި ކައުންސިލަރުން ބައްދަލުކުރާނަމަ އެލްޖީއޭގެ ހުއްދަ ހޯދަން އެންގުމުން އޮސްޓްރޭލިއާގެ ސަފީރުވެސް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށާއި، ސްރީލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ބްރައިސް ހަޗިސަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ދިވެހިރާއްޖޭގެ އިންތިޚާބުކޮށްފައިވާ ކައުންސިލަރުން ބޭރުގެ ޑިޕްލޮމެޓުންނާއި ބައްދަލުކުރާއިރު ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ – ކީއްވެގެން ފަހަތަށް އެޅި ފިޔަވަޅެއް؟" މިހެންނެވެ. ރާއްޖެއިން ފަހަތަށް ފިޔަވަޅެއް އެޅީ ކީއްވެތޯ ހަޗިސަން ސުވާލު އުފައްދަވާ، ފްރީޑަމް އޮފް އެކްސްޕްރެޝަން ހޭޝް ޓެގް ބޭނުންކުރައްވައިގެން ކުރެއްވި ޓްވީޓް، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސްވަނީ ރީޓްވީޓް ކުރައްވާފައެވެ.
Elected local councils in #Maldives now need Home Affairs permission to meet foreign diplomats - why this further step backwards? #FreedomofExpression
— Bryce Hutchesson (@AusHCSriLanka) December 12, 2017
މިމައްސަލައިގައި އެންމެ ފުރަތަމަ ކަންބޮޑުވުން ފާޅުކުރެއްވި ޑިޕްލޮމެޓަކީ ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅާފައިވާ އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސްއެވެ. ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހުއްދަ ނެތި ކައުންސިލް މެމްބަރުން ބޭރުގެ ފަރާތްތަކާއި ބައްދަލުކޮށްފިނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރާއިއެކު އެކަން މަނާކޮށް އެއޮތޯރިޓީއިން ސަރކިއުލަރ ނެރެފައިވަނީ ހޯމަ ދުވަހު ގދ ތިނަދޫއަށް ވަޑައިގެން އެރަށުގެ ކައުންސިލަރުންނާއި ސަފީރު ޑޯރިސް ބައްދަލުކުރައްވާފައިވަނިކޮށެވެ. ޑޯރިސް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓްކުރައްވާފައެވެ.
ސަރުކާރުގެ ނިންމުމާއިމެދު އޮސްޓްރޭލިއާގެ ސަފީރު ކަންބޮޑުވުން ފާޅުކުރައްވާފައިވަނިކޮށް ބުދަ ދުވަހު އެލްޖީއޭއިން ވަނީ ގއ އަތޮޅު ކައުންސިލްގެ 3 މެމްބަރުން މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައެވެ. އެބޭފުޅުން ސަސްޕެންޑްކުރީ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއާއި ބައްދަލުކުރެއްވި މައްސަލައިގައެވެ. އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާއިންވެސް ވަނީ އެލްޖީއޭގެ ސަރކިއުލަރއަށް ފާޑު ކިޔާފައެވެ.