ޤާނޫން އަސާސީއާއި ޤާނޫންތަކާއި ޚިލާފަށް ބަންދުކޮށްފައި ވީނަމަވެސް، ޤާނޫނާއި ޚިލާފަށް ނިގުޅައިގެންފައިވާ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ޤާނޫން ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާކަމަށް އެދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ރިޝްވަތުގެ ތުހުމަތެއް ތަހުޤީޤުކުރުމުގެ ނަމުގައި ބަންދުގައި ބަހައްޓާފައި ހުންނަވާތާ 150 ދުވަސްވުމާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ފާރިސް މައުމޫން ވިދާޅުވީ ޤާނޫނާއި ޚިލާފަށް އެބޭފުޅާ ބަންދުކުރެވުނު ދުވަހުން ފެށިގެން ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުލުމުގެ ފުރުސަތު ސަރުކާރުން ނަގާލާފައިވާކަމަށާއި، ދާއިރާއަށް ބޭނުންވާ ކަންތައްތައް 2018ވަނަ އަހަރުގެ ބަޖެޓްގައު ހިމެނުމުގެ ފުރުސަތުވެސް ނަގާލާފައިވާކަމަށެވެ. އަދި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ބަހެއް ނެތި އަންނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސްގެ ބަޔާނުގައި ޤާނޫނު އަސާސީގެ 26ވަނަ މާއްދާގެ (ނ)ގެ ދަށުން ލިބިދީފައިވާ "އެމީހަކު އަމިއްލައަށް ނުވަތަ އެމީހަކު މިނިވަންކަމާއިއެކު އިޚްތިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގެ ހައްޤު" ދިއްގަރު ދާއިރާގެ ރައްޔިތުންގެ ކިބައިން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު ކަނޑުވާލައި، ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ނަގާލާފައިވުމަކީ، ކަނޑައެޅިގެން ޤާނޫނާއި ޚިލާފް އަމަލުތަކެއްކަމަށް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ފާރިސް ބަންދުކުރިފަހުން ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދާއި ޚިލާފަށް، މަޖިލީހުގެ ޖަލްސާތަކަށާއި، ކޮމިޓީތަކަށް ހާޒިރުވުމުގެ ފުރުސަތުވެސް ރައްޔިތުންގެ މަޖިލީހުންނާއި ކަމާއި ބެހޭ މުއައްސަސާތަކުން ދީފައިނުވާކަމަށާއި، ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތުވެސް ސަރުކާރުން ނިގުޅައިގެންފައިވާކަމަށް ފާރިސް ވިދާޅުވެފައިވެއެވެ.
ފާރިސް ވިދާޅުވީ ޤާނޫނާއި ޚިލާފަށް އެމަނިކުފާނު ބަންދުކުރުމާއި ގުޅިގެން އެމަނިކުފާނުގެ ހައްޤުތައް ހިމާޔަތްކުރުމަށާއި، ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ހޯދުމަށް ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅި އެއްވެސް ހުށަހެޅުމަކަށް އިޖާބަ ދީފައިނުވާއިރު، މުއައްސަސާތަކުގެ ޤާނޫނީ ޒިންމާއިން ދުރުވެ ނުވަތަ އެޒިންމާ އަދާކުރުމަށް ނުކުޅެދިފައިވާކަމަށެވެ.
ބަޔާން ނިންމާލަމުން ފާރިސް ވިދާޅުވެފައިވަނީ ޤާނޫން އަސާސީއާއި ޤާނޫންތަކާއި ޚިލާފަށް ބަންދުކޮށްފައި ވީނަމަވެސް، ޤާނޫނާއި ޚިލާފަށް ނިގުޅައިގެންފައިވާ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމަށް ޤާނޫން ތަންދިން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދާއިރާގެ ރައްޔިތުންނަށް އަރުވާކަމަށެވެ. އަދި ބަންދުގައި ހުންނަވާ ހުންނެވުމުގައި ދާއިރާގެ ރައްޔިތުންނާއި ހެޔޮ އެދޭ ފަރާތްތަކުން ދެއްވާ ހިތްވަރު ޝުކުރުވެރިކަމާއިއެކު ބަލައިގަންނަކަމަށް ފާރިސް ވިދާޅުވިއެވެ.
ރިޝްވަތުގެ މައްސަލައެއްގައި ފުލުހުން ފާރިސް ބަންދުކުރީ ޖުލައި މަހުގެ 18ވަނަ ދުވަހުއެވެ.