ޔަމަނުގެ ހޫސީންގެ ސިޔާސީ ލީޑަރު، އަވަހާރަކޮށްލާފައިވާ އެ ގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހްގެ ޕާޓީއާ ބައްދަލުކޮށްފިއެވެ.
ވެރިރަށް ސަންއާގެ ކޮންޓްރޯލް އޮންނަ ހޫސީން ސާލިހްގެ ޕާޓީއާ ބައްދަލުކޮށްފައި މިވަނީ އެ ޖަމާއަތުން ސާލިހް އަވަހާރަކޮށްލިތާ ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ހޫސީންގެ ކޮންޓްރޯލް އޮންނަ މީޑިއާއަކުން ބުދަ ދުވަހުވަނީ ހޫސީންގެ ސިޔާސީ އިސްވެރިޔާ ސާލިހް އަލް ސައްމާދުއާއި ޖެނެރަލް ޕީޕަލްސް ކޮންގްރެސްގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޔަހްޔާ އަލް ރާއީ ބައްދަލު ކުރައްވާ ފޮޓޯތަކެއް ދައްކާފައެވެ.
މި ބައްދަލުވުމުގައި ހޫސީންގެ ޚާރިޖީ ވަޒީރު ހިޝާމް ޝަރަފްވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭގެ ފަހުން އެ ދުވަހުގެ ފަހުގެ ވަގުތެއްގައި އަލް ސައްމާދުވަނީ ސާލިހްގެ ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވާފައެވެ.
މި ބައްދަލުވުންތައް ބެލެވިފައިވަނީ ސާލިހަށް ވަފާތެރި ފަރާތްތަކާ ހޫސީންނާ އަލުން ގުޅުމަށް ބޭއްވެމުންދާ ބައްދަލުވުންތަކެއް ކަމަށެވެ.
ސާލިހްގެ ސަރުކާރާ ދެކޮޅަށް 2011 ވަނަ އަހަރު ޔަމަނުގައި ފެށުނު މުޒާހަރާތަކުގައި ނުކުތް ހޫސީން، ސާލިހްގެ ޕާޓީއާއެކު ކޯލިޝަން ހަދައިގެން އެގައުމުގައި އޮތް ބައިނަލްއަގްވާމީ މުޖުތަމައު ގަބޫލުކުރާ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރާ ދެކޮޅަށް ނުކުމެފައިވަނީ 2014 ވަނަ އަހަރުއެވެ. މި ކޯލިޝަނަކީ ގުޅުން ކުޑަ ކޯލިޝަނެއްގެ ގޮތުގައިވަނީ ފާހަގަކުރެވިފައެވެ.
ސާލިހްއަށް ވަފާތެރި ފަރާތްތަކާ ހޫސީ ހަނގުރާމަވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހު މި ކޯލިޝަންވަނީ މުޅިން ރޫޅިފައެވެ.
މި އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ސާލިހް އަވަހާރަކޮށްލެވުމުގެ ދެ ދުވަސް ކުރިން ސާލިހްވަނީ ޔަމަނުގެ ސަރުކާރުގެ ދިފާއުގައި ހޫސީންނާއި ސާލިހްގެ ފައުޖުތަކަށް ހަމަލާ ދެމުންދާ ސައުދީއާއި ގުޅިފައިވާ ފައުޖާ ވާހަކަދެއްކެވުމަށް ތައްޔާރަށް ހުންނެވިކަމަށް އިއުލާނު ކުރައްވާފައެވެ.
ސައުދީއާއި ގުޅިގައިވާ ފައުޖުން ޔަމަނަށް ހަމަލާދޭން ފަށާފައިވަނީ 2015 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ.
ސާލިހް އަވަހާރަކޮށްލީ ޣައްދާރުވުމުން ކަމަށް ހޫސީނން ބުނެއެވެ.