ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށްގެންދާ "އެކުވެެރިން" އަސްކަރީ ތަމްރީނުތައް ހުކުރު ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ދެ ހަފްތާގެ މުއްދަތަށް މިތަމްރީންތައް އޮންނާނީ އިންޑިއާގެ ކަރްނާޓަކާގެ ބެލްގަމްގައިކަމަށް ޕޫނާގައި ހުންނަ އިންޑިއާ އަސްކަރިއްޔާގެ ސަދަން ކޮމާންޑްގެ ހެޑްކުއާޓަރާއި ހަވާލާދީ އިންޑިއާގެ ނޫސްތައް ބުނެއެވެ. މި ތަމްރީންތަކަކީ 2009ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ތަމްރީންތަކެކެވެ. މިތަމްރީންތައް ބާއްވަނީ ރާއްޖެއާއި ލަންކާގައި، ކޮންމެ އަހަރަކު ޤައުމު ބަދަލުވާ ގޮތަށެވެ. މިއަހަރު އިންޑިއާގެ ކަރްނާޓަކާގައި ތަމްރީންތައް ބާއްވާއިރު، މިދިޔަ އަހަރު ތަމްރީނުތައް ބާއްވާފައިވަނީ ލ. ކައްދޫގައެވެ.
އިންޑިއާގައި ދިވެހި ސިފައިން ތަމްރީނުތަކެއް ހެދުމަށް ތައްޔާރުވަމުންދާއިރު، ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން ބަދަހިވަމުން ދިޔުމުގެ ސަބަބުން ޗައިނާގެ ހަތުރުވެރި އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ދަނީ ބުރޫ އަރަމުންނެވެ.
އިންޑިއާގެ ޑިޕްލޮމެޓުން ބުނާ ގޮތުގައި، އިންޑިއާ ކަނޑުގައި އަތްގަދަ ކުރުމަށް ޗައިނާއިން ކުރާ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވަނީ ރާއްޖެއިންނެވެ. އެހެން ނަމަވެސް، ދިވެހި ސަރުކާރުން ބުނަމުންދަނީ ރާއްޖެއިން އަބަދުވެސް ގެންގުޅެމުންދަނީ "އިންޑިއާ ފަސްޓް ޕޮލިސީ" ކަމަށެވެ.
ރާއްޖޭގައި ޗައިނާއިން ބޮޑެތި އިންވެސްޓްމެންޓުތަކެއް ކުރަމުންދާއިރު، ދިވެހި ސަރުކާރުން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މީގެއިތުރުން، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރި ގއ. އަތޮޅު ކައުންސިލުގެ ހުރިހާ މެންބަރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ(އެލްޖީއޭ) އިން ވަނީ ސަސްޕެންޑުވެސް ކޮށްފަ އެވެ.