މި ވަގުތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އާއިއެކު އެމަނިކުފާނުގެ ސަރުކާރުގައި ދެމިތިބި ފަރާތްތަކަށް އިންޑިއާއިން ދަތިކުރުމުގެ ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް މިފަދައިން ވިދާޅުވެފައިވަނީ، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝްރީ އަކިލޭޝް މިޝްރާއާއި ބައްދަލުކުރެއްވުމާއި ގުޅިގެން، ގއ އަތޮޅު ކައުންސިލްގެ 3 ކައުންސިލަރުން ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
އެލްޖީއޭއިން ނެރެފައިވާ އިޖުރާއަތްތަކާ އެއްގޮތައް ހުއްދަ ނުހޯދާ ބޭރުގެ ޑިޕްލޮމޭޓުންނާ ބައްދަލުކުރިކަމަށް ބުނެ މި މުސާރަ ނުހިނގާ ގޮތަށް ތިން ކައުންސިލަރުން ސަސްޕެންޑްކޮށްފައި ވާއިރު، މަޚްލޫފްގެ ޓްވީޓްގައި ގޮވާލައްވާފައިވަނީ ރައީސް ޔާމީން އާއެކު އެމަނިކުފާނުގެ ސަރުކާރުގައި ދެމިތިބި ފަރާތްތަކަށް އިންޑިއާއިން ދަތިކުރުމުގެ ފިޔަވަޅު އެޅުމަށެވެ.
Elected councillors suspended for meeting the Indian Ambassador to Maldives H.E @AkhileshIFS .I strongly believe it’s times for India to impose a travel ban on govt. officials & other individuals supporting Prez Yameen’s dictatorial regime @SushmaSwaraj @MEAIndia @IndianExpress
— Ahmed Mahloof (@AhmedMahloof) December 13, 2017
އެލްޖީއޭޢިން ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ މުހައްމަދު ނަސީރަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ "އެލްޖީއޭއިން މިމަހުގެ 11 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލަރ އިން ބޭރުގެ ދައުލަތްތަކާއި ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި އެފަރާތްތައް ތަމްސީލް ކުރާ ފަރާތްތަކާ ލޯކަލް ކައުންސިލް ތަކުން ބައްދަލުކޮށް މުއާމަލާތު ކުރުމުގެ އިޖުރާޢަތު ބަޔާންކޮށްފައިވަނިކޮށް، އެއިޖުރާއަތުތަކާ ޚިލާފަށް ގއ އަތޮޅު ކައުންސިލުން ހުއްދަ ހޯދުމަކާއި ނުލައި ބޭރުގެ ސަފީރަކާއި ބައްދަލުކޮށްފައިވާކަން، މައްސަލައާއި ގުޅިގެން ލިބިފައިވާ ލިޔެކިޔުންތަކުންނާއި އެލްޖީއޭއިން ސާފުކުރި މައުލޫމާތުތަކުން ކަށަވަރުވާ" ކަމަށެވެ. އެހެންކަމުން ކައުންސިލްގެ އެއަމަލަކީ ކައުންސިލުން ކުރާ ޤާނޫނާ ޚިލާފް ޢަމަލް ތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ 5 ވަނަ މާއްދާގެ (ކ) އާއި 6 ވަނަ މާއްދާގެ (ށ) އާ ޚިލާފު ޢަމަލެއް ކަމަށް ވާތީ އެކައުންސިލަރުންނާއި މެދު ފިޔަވަޅު އެޅުމަށް އެލްޖީއޭގެ ބޯޑުން ވަނީ ނިންމާފައި ކަމަށެވެ.
އެލްޖީއޭ ބޯޑުން ނިންމާފައިވާކަމަށް އެސިޓީގައި ބުނެފައިވަނީ 13 ޑިސެމްބަރ 2017 އިން ފެށިގެން މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ގއ އަތޮޅު ކައުންސިލްގެ 3 މެންބަރުން ސަސްޕެންޑް ކުރުމަށާއި އެމުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ޚިދުމަތެއް ކައުންސިލުން ހޯދުން ނޫން ބޭނުމަކު ކައުންސިލްގެ އިދާރާއަށް ހާޒިރުވުމާއި ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުން ކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލް ކުރުން މަނާ ކުރުމަށެވެ. އަދި ކައުންސިލަރުންގެ ސަސްޕެންޝަންގެ މުއްދަތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމާ ހަވާލުވެ ހުންނާނީ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ ނުވަތަ އޭނާގެ މަސްއޫލިއްޔަތާ އެވަގުތަކު ހަވާލުވެ ހުރި ފަރާތްކަމަށް އެސިޓީގައި ބުނެފައިވެއެވެ.
އެލްޖީއޭއިން މިފަދަ ސަރކިއުލަރއެއް ނެރެފައިވާއިރު، ބައެއް ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުން މި ދުވަސްވަރު ގެންދަވަނީ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާ ބައްދަލުކުރައްވައި އެ ރަށްރަށުގެ ހާލަތު ބައްލަވަމުންނެވެ.