އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރެއްވުމާ ގުޅިގެން ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން ސަސްޕެންޑްކުރުމަކީ އިންޑިއާއާ ގުޅުން ކަނޑާލުންފަދަ ކަމެއްގެ ގޮތުގައި ކަމަށް ގއ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވެއްޖެ އެވެ.
ބުދަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަސްދޮޅަށް މިނެޓް" ގައި ފުއާދު ވިދާޅުވީ ރައްޔިތުން އޭނާއާ ހަވާލުކުރި ޒިންމާ އަދާކުރުމުގައި ނުކުޅެދިފައިވާ ކަމަށާއި، ނުކުޅެދުނީ އެލްޖީއޭއިން އޭނާ ސަސްޕެންޑްކުރުމުގެ ސަބަބުންކަމަށެވެ. އިންޑިއާގެ ސަފީރާ ބައްދަލުކުރުމަކީ ކުށެއް ކަމަށް ނިންމައި، ގއ. އަތޮޅު ކައުންސިލްގެ ތިން މެމްބަރުން ސަސްޕެންޑްކުރުމަކީ ނުސީދާ ގޮތެއްގައި، ދިވެހި ރާއްޖެއިން އިންޑިއާއާ ގުޅުން ކަނޑާލުންކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި އެކަން ކުރީ ޗައިނާ ރުއްސަން ކަމަށް ގަބޫލްކުރައްވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ގއ. ކައުންސިލްގެ މެމްބަރުން އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރެއްވީ، މި މަހުގެ 11 ވަނަ ދުވަހު އެ ރަށަށް ސަފީރު ކުރެއްވި ދަތުރުފުޅުގަ އެވެ. އިންޑިއާގެ ދަތުރުފުޅާއި، އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ކައުންސިލްގެ މެމްބަރުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލުކުރަންވާނީ އެލްޖީއޭއަށް ލިޔެ، ހުއްދަ ހޯދައިގެން ކަމަށް ނިންމައި ސާކިއުލާއެއް ނެރުނެވެ.
ނަމަވެސް، ފުއާދު ވިދާޅުވީ އެލްޖީއޭއިން ސާކިއުލާ ނެރުނީވެސް އިންޑިއާ ސަފީރާއެކު ބައްދަލުވުން ބޭއްވި ހުން ކަމަށެވެ. ސާކިއުލާއަށް ފަހުގައި ބައްދަލުވުން ކުރިއަށް ގެންގޮސްފައިނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ އެލްޖީއޭއަކީ އެފަދަ ސާކިއުލާއެއް ނެރުމުގެ ހައިސިއްޔަތު އޮތް ބައެއް ކަމަށް ވެސް ގަބޫލުނުކުރައްވާކަމަށެވެ. އެލްޖީއޭގައި ތިއްބެވީ "ޕަޕެޓުންތަކެއް" ކަމަށް ދުއާދު ވިދާޅުވި އެވެ.
"އެ ސާކިއުލާ ނެރުމުގެ ކުރިން ހިނގާފައިވާ ކަމަކަށް ފިޔަވަޅު އެޅުމަކީ ބުއްދި ހަމަޖެހޭ ކަމެއް ނޫން" ފުއާދު ވިދާޅުވި އެވެ.
ގއ. އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ އަށް އެލްޖީއޭއިން ފޮނުވި ސިޓީގައިވާ ގޮތުން، އެ އަތޮޅުގެ ކައުންސިލަރުން މިއަދުން ފެށިގެން ތިން މަހަށް ސަސްޕެންޑް ކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ. އަދި އެ މުއްދަތުގައި ޚިދުމަތެއް ހޯދުމަށް ނޫން ގޮތެއްގައި ކައުންސިލަރުން އެ ކައުންސިލް އިދާރާއަށް ވަޑައިގަތުމާއި އެތަނުގެ ވަސީލަތްތައް ބޭނުން ކުރުން ވެސް އެލްޖީއޭއިން ވަނީ މަނާކޮށްފަ އެވެ.