ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދަށް ބަދަލުކޮށްދޭން އޭނާގެ އާއިލާއިން އެދިއްޖެ އެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވަނީ އަދީބުގެ ލޮލަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން، ހިރަފުސް ނުހުންނަ ތަނެއްގައި އޭނާ ބަހައްޓަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށާއި އެހެން ކަމުން އަދީބު ގޭ ބަންދަށް ބަދަލު ކޮށްދޭން ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާ ކަމަށެވެ.
With reg 2 Adeebs critical eye condition doc has strictly advised Authorities 2 change Adeeb 2 a dust free place & for him 2 avoid strenuous activities.Therefore v hav requestd Authorities 2 change him 2 house arrest where his environment can b controled as per docs instructions
— Nash (@maryam_nashwa) December 13, 2017
ތަފާތު ތިން ކުށެއް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ އަދީބު ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އާއިލާއިން އެދުނީ އޭނާގެ ލޮލަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުންނެވެ.
އަދީބުގެ އާއިލާއިން ކުރިން ބުނެފައިވާ ގޮތުގައި ލޮލަށް ޖެހޭ ބައްޔެއް ކަމަށްވާ "ގްލޮކޮމާ" އަދީބަށް ވަނީ ޖެހިފަ އެވެ. އަދި އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.
އަދީބު ގެއަށް ބަދަލުކޮށްދޭން އާއިލާއިން އެދުނުއިރު އިތުރު ފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ވަނީ ދައުލަތާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ދަނީ ހިނގަމުންނެވެ.
އަދީބަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ގެންދަން ޖެހޭކަމަށް ޑޮކްޓަރުން ލަފާ ދީފައިވީނަމަވެސް ސަރުކާރުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ބޭރަށް ފޮނުވައިފިނަމަ އޭނާ ދައުލަތުން ނަގާފައިވާ ފައިސާ ނުލިބޭނެ ކަމަށާއި އެފައިސާތައް ދެއްކުމަށްފަހު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަންވީ ކަމަށެވެ.