އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ހަސަން އަލީ ވަކިކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މަގާކަށް އައްޔަން ކުރައްވައިފި އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން ހަސަން އަލީ ވަކިކުރީ އަންގާރަ ދުވަހު އެވެ. ސަރުކާރު ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރުމުގެ ބާރު އޮންނަ ޕްރައިވެޓައިޒޭޝަން ބޯޑުން މައުލޫމާތުދިން ގޮތުގައި ހަސަން އަލީ މަގާމުން ވަކިކުރީ ސަރުކާރުން އެގޮތަށް ބޭނުންވެގެން ހުށަހެޅުމުންނެވެ.
މަގާމުން ވަކިކުރިތާ 24 ގަޑިއިރު ނުވަނީސް، ރައީސް އަބްދުﷲ ޔާމީން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ހަސަން ބުދަ ދުވަހު އައްޔަން ކުރައްވާފަ އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ހަސަން އައްޔަންކުރީ މިއަހަރުގެ މެއި 25 ވަނަ ދުވަހު އެވެ.
އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ހަސަން ވަނީ އިމިގްރޭޝަން ކޮންޓްރޯލަރު ކަމާއި ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގެ އިތުރުން ހައުސިން މިނިސްޓްރީގެ ނައިބުކަން ވެސް ކުރިން ކުރައްވައިފަ އެވެ. އޭނާ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހުންނަވަނިކޮށް، އެ މަގާމުން ވަކިކުރީ މިއަހަރުގެ އޭޕްރީލް މަހުގަ އެވެ.