ކ. މާލެ
|
13 ޑިސެންބަރ 2017 | ބުދަ 18:23
ޗައިނާ އާއި ރާއްޖެއާއި ދެމެދު ގުޅުން ބަދަހިކުރަމުންދާތީ ބައިނަލްއަޤްވާމީ މުޖްތަމައުން ދަނީ ފާޑުކިޔަމުން
ޗައިނާ އާއި ރާއްޖެއާއި ދެމެދު ގުޅުން ބަދަހިކުރަމުންދާތީ ބައިނަލްއަޤްވާމީ މުޖްތަމައުން ދަނީ ފާޑުކިޔަމުން
ރައީސް އޮފީސް
ޗައިނާ - ރާއްޖެ
ޗައިނާއިން އިންވެސްޓްކުރަނީ ދުރު މުސްތަޤްބަލަށް ވިސްނައިގެން!
ޗައިނާއިން އިންވެސްޓްކުރަނީ ހަމައެކަނި މާލީ ފައިދާއެއް ހޯދާކަށް ނޫން
ހަންބަންތޯޓާގައި ޗައިނާއިން އިންވެސްޓްކުރީ މާލީ ގޮތުްން ގެއްލުންވާނެކަން އެނގިތިބެ، ދުރު ރާސްތާއަށް ވިސްނައިގެން
ދަރަނި ނުދެއްކުމުން ރާއްޖޭގެ އިންވެސްޓްމަންޓްތައްވެސް ޗައިނާއަށް ވިއްކާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް

ރައީސް އަބްދުﷲ ޔާމީން ވިދާޅުވާ ގޮތުގައި ޗައިނާއިން ރާއްޖޭގައި އިންވެސްޓްކުރަނީ ދަރަނި އަދާކުރެވޭނެ ފެންވަރު ރާއްޖޭގެ އިޤްތިޞާދުގައި ހުރެގެންނެވެ. ހިފެހެއްޓުމެއް ނެތި ލޯނުތައްދީ، ބޮޑެތި ޕްރޮޖެކްޓްތަކުގައި އިންވެސްޓް އެކުރަނީ ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތުގެ މޮޅުކަމުންކަމަށް ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިދާޅުވެއެވެ. ބަނަހެއް ގަންނަން ލޯނެއް ދޭށޭ ބުންޏަސް ޗައިނާއިން މިހާރު ރާއްޖެއަށް ލޯނު ދެއެވެ.

ދިވެހިން ވިސްނަންވީ ކަމަކީ، މިކަން މިހިނގަނީ ސަރުކާރުން އެބުނާ ގޮތަކަށް ނޫނެވެ. ޗައިނާއިން ބޮޑެތި އިންވެސްޓްމަންޓްތަކަށް ރާއްޖޭގައި އެޚަރަދުކުރަނީ ހަމަތިބެފައި ދިވެހިންނަށް ކަންތައް ކޮށްދޭކަށް ނޫނެވެ. ރައީސް ޔާމީންގެ އިޤްތިޞާދީ ސިޔާސަތުގެ ދޯހަޅިކަން އެންމެ ބޮޑަށް އެނގެނީ ޗައިނާއަށެވެ. ޗައިނާއިން އެޖެހި ދަންތުރާގައި އަމިއްލައަށް ޖެހިގަތް ޤައުމެއް ރާއްޖެ ނޫނިއްޔާ ނެތެވެ. ލަންކާވެސް ޗައިނާގެ ދަންތުރައިގައި ޖެހުނީ އެހެން އެތައް ދިމާލަކަށްވެސް ދާން އުޅެ، އެކަން ކާމިޔާބު ނުވެގެން އުޅެނިކޮށެވެ.

މީގެ ދެތިން މަސްކުރިންވެސް ޗައިނާއިން ލަންކާގެ ހަންބަންތޯޓާއަށް ޖެއްސި ހާލުގެ ވާހަކަ އަޅުގަނޑަށް ދައްކާލެވެނެވެ. އަނެއްކާވެސް މިއޮތީ އެވާހަކަ ދައްކަން ޖެހިފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ޗައިނާއިން ހަންބަންތޯޓާގައި ހެދި ވަރުގަދަ ޕޯޓް ޗައިނާއަށް ދޭން ޖެހުނު ވާހަކަ މީޑިއާގެ ފަލަސުރުޚީތަކަށް ވަނީ އަރާފައެވެ. މިއީ ޗައިނާއިން ލަންކާގައި ކުރި އިންވެސްޓްމަންޓްތަކުގެ ތެރެއިން ވިޔަފާރީގެ ގޮތުން އެންމެ ބޭކާރު އިންވެސްޓްމަންޓެވެ. އެހެން ނަމަވެސް އަސްކަރީ ގޮތުންނާއި ސްޓްރެޓީޖިކަލީ ޗައިނާއިން ކުރި އެންމެ ވަރުގަދަ އެއް އިންވެސްޓްމަންޓެވެ.

ހަންބަންތޯޓާ ޕްރޮޖެކްޓް ޗައިނާއަށް ދިނުމުގެ ކުރިން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަވަނީ އެޕްރޮޖެކްޓް ހިންގުމަށް އިންޑިއާއަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް އެއީ ވިޔަފާރީގެ ގޮތުން ބަލާއިރު ފައިދާވާނެ ޕްރޮޖެކްޓަކަށްނުވާތީ އިންޑިއާއިން އެކަމަށް އެއްބަސްނުވީއެވެ. ޗައިނާއިން އެޕްރޮޖެކްޓާއި ހަވާލުވީވެސް އެޕްރޮޖެކްޓުން މާލީ ފައިދާއެއް ވާނެކަމަށް ވިސްނައިގެންނެއް ނޫނެވެ.

އެކަން އެއޮތީ މިއަދު ފެންނާށެވެ. ޗައިނާއަށް ދަރާއޮތް ދަރަނި އަދާނުކުރެވިގެން އެންމެ ފަހުން ލަންކާއަށް މަޖުބޫރުވީ، ހަންބަންތޯޓާ ޕޯޓް ޗައިނާއަށް ދޭށެވެ. އެތަން ދެން ބޭނުންގޮތަކަށް ޗައިނާއިން ބޭނުންކުރަންވީއެވެ. ޗައިނާއިން ކުރިންވެސް ނިންމާފައި އޮތީ އެޕްލޭނަށް އަމަލުކުރާށެވެ. ލަންކާގެ ކޮލޮމްބޯ ޕޯޓް ސިޓީއާއި، އެހެން ޕްރޮޖެކްޓްތަކަށް ޖެހުނު ހާލުވެސް ވަކި ދެރައެއް ނޫނެވެ.

ދެން އޮތީ ރާއްޖެއެވެ. ޗައިނާއިން އެތަން މިތަނުގައި އެއިންވެސްޓްކުރަނީ ޗައިނާގެ ބޭނުމަށެވެ. ދައުލަތުގެ ދަރަނި 50 ބިލިއަނަށް އަރުވާއިރު، މިދަރަނި ދައްކާނެ ގޮތެއް ސަރުކާރަކަށް ނޭނގެއެވެ. އެދަރަނި ދައްކާނެ ފީސިބަލް ގޮތެއް ސަރުކާރަށް ބުނެއެއް ނުދެވެއެވެ. ޑޮނަލްޑް ޓްރަމްޕްވެސް އެމެރިކާއާއި މެކްސިކޯއާއި ދެމެދު ފާރެއް ރާނާ ވާހަކަ ދެއްކެވިއެވެ. ބޮޑެތި ޕްލޭންތަކެއް އެކަމުގައި ހުރިކަމަށް ވިދާޅުވިއެވެ. އާޚިރުގައި ކަންވީ ކިހިނެއްތޯއެވެ. ޕްލޭނެއް ނެތެވެ. ކަމެއް ނުވިއެވެ. ރައީސް ޔާމީންވެސް އެދައްކަވަނީ އެފަދަ ވާހަކަތަކެކެވެ. ދަރަނި ދައްކާނަމޭ ވިދާޅުވާއިރު، އެ ދަރަނި ދައްކަނީ ކިހިނެއްކަމެއް ވިދާޅުވެއެއްނުދެއްވުނެވެ. ދެން ފެންނާނީ ދަރަނި ނުދެއްކިގެން ރާއްޖޭގެ ބަނދަރުތަކާއި އެއޮތް ވަރުގަދަ ބްރިޖް ޗައިނާއަށް ދޭތަނެވެ.

އެކަންތައް ފެންނާކަށް މާކަ ގިނަ ދުވަހެއް ނެތެވެ. ޤައުމު މިއޮތީ ދަރަނިވެރިވެފައެވެ. ޗައިނާއަށް ދަރައި، ވިކި، ހުސްވެފައެވެ. ޗައިނާގެ ދަންތުރައިގައި ދިވެހިރާއްޖެ ޖެހެމުންދާއިރު، އަދިވެސް ހަމަ ސަރުކާރުން ބުނާހާ އެއްޗެއް ދިވެހިން ޤަބޫލުކުރަންވީތޯއެވެ؟ ދެވަނަ ހަންބަންތޯޓާއަށް ދިވެހިރާއްޖެ ވާން އަޅުގަނޑުމެން ދޫކޮށްލައިގެން ތިބެންވީތޯއެވެ؟ ފްރީ ޓްރޭޑް އެގްރިމެންޓެއް މިހާރު ރާއްޖެއާއިއެކު ޗައިނާއިން ހަދާފައިވާއިރު، މިކަން ވާން ދެން މާގިނަ ދުވަހެއް ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް