ގައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާބޯޓުތައް ދުއްވާ ޕައިލެޓުން ވަރުބަލިވާކަމުގެެ ޝަކުވާ ހިމެނޭ އޯޑިއޯއެއް ލީކްވުމާއި ގުޅިގެން އެ އޯޑިއޯގައި ވާހަކަދެއްކި ޕައިލެޓް ސަސްޕެންޑްކޮށްފި އެވެ.
ބައެއް މީޑިޔާތަކުގައިވާ ގޮތުން ސަސްޕެންޑް ކޮށްފައިވަނީ ޝަކުވާތައް އުފުލި އޯޑިއޯގައި ވާހަކަ ދައްކާ ޕައިލެޓެވެ. މި ހަފްތާގެ ތެރޭގައި އެ ޕައިލެޓް ސަސްޕެންޑްކޮށްފައިވާ އިރު އެ އޯޑިއޯ ދަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންނެވެ.
ސަސްޕެންޑް ކުރި މައްސަލައިގައި މޯލްޑިވިއަންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އޯޑިއޯ ކްލިޕެއްގައި މޯލްޑިވިއަންގެ ޕައިލެޓަކުވަނީ ޕައިލެޓުން ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ބުނެފައެވެ. އަދި އެވާހަކަ ހުރިހާ ޕައިލެޓުންގެ ތެރޭގައި ދެއްކުމުން ފްލައިޓް އޮޕަރޭޝަންސްގެ އިސް ވެރިޔަކު ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެެވެ. އެހެން ނަމަވެސް މިއީ ރައްކާތެރިކަމުގެ އިޝޫއެއްކަމުން، އެންމެންގެ ތެރޭގައި އެވާހަކަ ދެއްކީ ކަމަށް ޕައިލެޓް ބުނެއެވެ. އަދި އެވާހަކަ އެންމެންގެ ތެރޭގައި ދައްކަން ޖެހުނީ ފްލައިޓް އޮޕަރޭޝަންސްގެ އޮފިޝަލަށް އެވާހަކަ ވަކިވަކިން ދެންނެވި ނަމަވެސް ހައްލެއް ނައުމުން ކަމަށް ޕައިލެޓް ބުނެއެވެ.
މިކަމާއި ގުޅިގެން ރާއްޖެއެމްވީ އަށް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ހާރިސް ވިދާޅުވީ ސޯޝަލް މީޑިއާގައި ދައުރުވަނީ ފޭކް އޯޑިއޯއެއް ކަމަށާއި، އެއީ ވަކި ބޭނުމަކަށް އެޑިޓްކޮށްގެން ހަދާފައިވާ އެއްޗެއް ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ކުންފުނީގެ އުޞޫލުތަކާއި ޚިލާފަށް ކަމަށް ވެސް ހާރިސް ވިދާޅުވިއެވެ.