ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާގެ އުތުރު ފަރާތުގައި ފްރީ ޑައިވްކުރަން އުޅެނިކޮށް ގެއްލުނު ބިދޭސީ މުވައްޒަފު އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ ފްރީ ޑައިވް ކުރަން ދިޔަ ސެންޓާރާ ގްރޭންޑްގެ ބިދޭސީ މުވައްޒަފު މީހާ އަދިވެސް ނުފެންނަ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނީ ހޯމަ ދުވަހު ހަވީރު 05:34 ހާއިރު އެވެ. އެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ން ވަނީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.
މި މީހާ ފްރީ ޑައިވިންއަށް ފައިބާފައި ވަނީ ސެންޓާރާ ގްރޭންޑު ރިސޯޓުގެ އުތުރު ފަރާތަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެ އެވެ. އެ މީހާ އެންމެ ފަހުން ލައިގެން ހުރީ ގަދަ ނޫ ކުލައިގެ ސްކޫބާ ޕްރޯ ޑައިވް ޝޯޓީ ސޫޓެކެވެ. އަދި އެމީހާގެ އިސްކޮޅުގައި ފަސް ފޫޓް ހުންނަ ކަމަށާއި އެމީހާއަކީ ހަމުގެ ކުލަ ދޮން މީހެއް ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. އެމީހާއަކީ 25 އަހަރުގެ ޗައިނާ މީހެކެވެ.
އެ މީހާ ގެއްލުނު ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ގެއްލުނު މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅުމަށް އެމްއެންޑީއެފް އިން އެދެއެވެ.