ޤުދުސްގެ މައްސަލައިގައި އިސްލާމީ ގައުމުތަކުން ގޮތެއް ނިންމުމަށް ބާއްވާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި އެވެ.
އޯއައިސީ އެކްސްޓްރާއޯޑިނަރީ ސަމިޓްގެ ނަމުގައި ބާއްވާ މަޝްވަރާ ބައްދަލުވުން ކުރިއަށް ދަނީ ތުރުކީގެ ވެރިރަށް އިސްތަންބުލްގަ އެވެ.
މި ސަމިޓްގައި ދުނިޔޭގެ އިސްލާމީ ގިނަ ގައުމެއްގެ ލީޑަރުން ބައިވެރިވެފައިވެ އެވެ. މި ސަމިޓްގައި ޖުމްލަ 57 އިސްލާމީ ގައުމަކުން، ބައިވެރިވެ އެވެ.
ފަލަސްޠީނުގެ ޤުދުސްއަކީ އިޒްރާއީލުގެ ވެރިރަށުގެ ގޮތުގައި ޤަބޫލުކޮށް، އިސްރާއީލުގެ ތެލްއަވީވުގައި ހުރި އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރަން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވުމާއި ގުޅިގެން، އިސްލާމީ ގައުމުތަކުން ދަނީ ކަންބޮޑުވުންފާޅުކޮށް، ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އިސްލާމީ ގައުމުތަކުން އެއްވުންތައް ބާއްވާ ހިތްހަމަނުޖެހުން ފާޅުކުރަމުންދަނިކޮށް އެމެރިކާއިން ވަނީ ސީރިޔާ، އިރާގް، އިރާން، ލީބިޔާ، ސޯމާލިޔާ، ސޫދާން އަދި ޔަމަނުން އެމެރިކާއަށް އަންނަ އެއްވެސް މީހަކަށް ވިސާ ނުދިނުމަށް ނިންމާފަ އެވެ.
އިސްރާއީލުގެ ވެރިރަށަކީ ޤުދުސް ކަމަށް އެމެރިކާއިން ބަލައިގަތުމާއި ގުޅިގެން ލުބްނާނުގެ ހިޒްބުﷲ ޖަމާޢަތުން ފަލަސްތީނަށް ފޯކަސް ކުރުމަށް ނިންމާ، އިސްރާއީލާއި ކުރިމަތިލާނެ ގޮތްތަކެއް ރާވަން ޖެހިފައިވާ ކަން ވަނީ ހާމަކޮށްފަ އެވެ.