މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެގައުމުގެ ފޮރިން މިިނިސްޓްރީއިން ބުނެފި އެވެ.
މެލޭޝިއާގެ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައިވާ ގޮތުގައި، އެގައުމުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ އާދިއްތަ ދުވަހު ސްރީ ލަންކާއަށް ކުރައްވާ ދަތުރުފުޅަކަށް ފަހުގަ އެވެ.
ނަޖީބު ރައްޒާގު ސްރީ ލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގައި ދެ ދުވަސް ހޭދަކުރައްވާނެ ކަމަށް ބަޔާނުގައިވެއެވެ. އެހެން ނަމަވެސް، ރާއްޖެ ވަޑައިގަންނަވާނެ ސީދާ ދުވަހެއް އެ ބަޔާނުގައި ހާމަކޮށްފަައިނުވެ އެވެ.
މީގެ ކުރިން ދެފަހަރެއްގެ މަތިން ނަޖީބު ރައްޒާގު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އިސްވެރިން ވިދާޅުވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ރައީސް ޔާމީން މެލޭޝިއާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވައި އެކަން ހާމަކުރައްވާފައިވެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރުން ގެންދަނީ މެލޭޝިއާއާއެކު ހާއްސަ ގުޅުމެއް ބާއްވަމުންނެވެ.