ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން ހުސައިން ސިނާނު ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް އެ ޓްރައިބިއުނަލުން ނިންމައިފި އެވެ.
އެއް މަސް ދުވަހުގެ ނޯޓިސްއެއް ދިނުމަށް ފަހު ސިނާން މަގާމުން ވަކިކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ފިޝަރީޒް މިނިސްޓްރީއިން ސިނާނު މަގާމުން ވަކިކުރީ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ނެރުނު ސާކިއުލާއަކާ ހަވަލާދީ އެވެ.
ސިނާނުގެ ފަރާތުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށް ނިންމީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ޓްރައިބިއުނަލުން މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައިވަނީ، ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ މައްސަލަތައް ޓްރައިބިއުނަލަށް ނުބެލޭއިރު، ސިނާނަކީ އެފަދަ މަގާމެއްގައި ހުރި މީހެއް ކަމަށް ބުނެ އެވެ.
ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގައި، ހިންގުމުގެ ގޮތުން އިސް މަގާމުތަކުގައި ތިބޭ މީހުންގެ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ނުބެލޭނެ އެވެ.
މަގާމުގެ ދަރަޖައިގެ ގޮތުން ޕާމަނަންޓް ސެކްރެޓަރީންގެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގެ މަގާމެއްކަން ފާހަގަކޮށް ޓްރައިބިއުނަލުގެ ނިންމުމުގައިވަނީ، ސިނާނަކީ ފިޝަރީޒް މިނިސްޓްރީގެ އިސް މަގާމެއްގައި ހުރި މީހެއް ކަމަށް ބަލަންޖެހޭ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސިނާނު ހަމަޖައްސާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ.