ދުނިޔެ ހޫނުވުމާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ސިޔާސީ ލީޑަރުންނާއި ވިޔަފާރިވެރިން މިހާރުން މިހާރަށް އާ މަސައްކަތްތަކެއް ފަށަން ޖެހިފައިވާ ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ގޮވާލައްވައިފިއެވެ.
ރައީސް މެކްރޮން މިހެން ވިދާޅުވީ ޕެރިސް އެއްބަސްވުމަށް ދެ އަހަރުފުރުން ފާހަގަކުރުމަށް އަންގާރަ ދުވަހު ބޭއްވި "ވަން ޕްލެނެޓް" ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ."މި ހަނގުރާމައިގައި އަޅުގަނޑުމެން މި ދަނީ ބަލިވަމުން" "އަޅުގަނޑުމެން އެންމެން ވެސް މަސައްކަތްކުރަން ޖެހޭ، ސަބަބަކީ އަޅުގަނޑުމެން އެންމެވެސް ޖަވާދާރީ ކުރުވޭނެ". މެކްރޮން ވިދާޅުވިއެވެ.
ޕެރިސް އެގްރީމަންޓަކީ ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ދެ ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށުގައި ބެހެއްޓުމަށް ދުނިޔޭގެ ގައުމުތަކުން 2015 ވަނަ އަހަރު ވީ އެއްބަސްވުމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން މިފަދަ އެއްބަސްވުމެއްވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ކުޑަކުރުމަށް ދުނިޔޭގެ 170 ގައުމަކުން ވަނީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.
އިގްތިސާދީގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ނުވަތަ ޖީ 20 ގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 19 ގައުމަކުން ޕެރިސް އެއްބަސްވުން ތަންފީޒުކުރާނެ ކަމުގެ ވައުދު އާ ކޮށްފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ މި އެއްބަސްވުމުން ވަކިވާނެކަން އިއުލާނު ކުރައްވާފައެވެ.
ފްރާންސްގެ ރައީސް މިކަން ސިފަކުރައްވާފައި ވަނީ " ހިތާމަވެރި ޚަބަރެއް"ގެ ގޮތުގައެވެ.
"އަޅުގަނޑުމެން މިތިބީ ވަރަށް ރަނގަޅު އަދަދަދު ތަކަކާއެކު،އަޅުގަނޑުމެންގެ ގިނަ ބަޔަކު ނިންމައިފީމު އެއްބަސްވުމުން އެމެރިކާ ބޭރުވާ ބޭރުވުން ގަބޫލު ނުކުރުމަށް" މެކްރޮން ވިދާޅުވިއެވެ.
މި ސަމިޓަށް ރައީސް ޓްރަމްޕް އަށް މެކްރޮން ދައުވަތުދެއްވާފައެއްނުވެއެވެ. ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި އެމެރިކާގެ މަޝްހޫރު ޝަޚްސިއްޔަތުންގެ ތެރޭގައި އާނޯލްޑް ޝްވަރޒެނެގަރ،ބިލް ގޭޓްސް، އަދި އެލަން މަސްކް ހިމެނިވަޑައިގަންނަވައެވެ.