ފަސް ސައިކަލެއް ޖެހި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާ ލިބުނު ތިން މީހުންގެ ތެރެއިން ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމަށް ފުވައްމުލަކު ހޮސްޕިޓަލުން މަސައްކަތް ފަށައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރި ތާރު އެޅި މަގުގައި 5 ސައިކަލް ޖެހި ހިނގި މި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން ތިން ފިރިހެނުންނަށް މިހާރު ވެސް އެ ހޮސްޕިޓަލުން ފަރުވާދެމުން އަންނަ ކަމަށެވެ. އެ ތިން މީހުންގެ ތެރެއިން ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުންޏެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި އަނިޔާ ލިބުނު ތިން މީހުންގެ ތެރެއިން އެކެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު، ފައި ވެސް ބިންދައިގެން ގޮސްފައިވާ ކަމަށެވެ. ދެ ވަނަ މީހާގެ އުނަގަނޑުގެ ކަށިގަނޑެއް ވަނީ ބިންދައިގެން ގޮސްފައެވެ. ތިން ވަނަ މީހާގެ އަތުގެ ބަޔަކާ، އަތުގެ އިނގިލިތައް ބިންދައިގެން ގޮސްފައިވާއިރު، ރާއްޖެޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ފަރުވާއަށް މާލެ ގެންނަނީ ބޯ ފަޅައިގެން ގޮސްފައިވާ މީހާ އާއި، އުނަގަނޑުގެ ކަށިގަނޑެއް ބިންދައިގެން ދިޔަ މީހާއެވެ.
މި އެކްސިޑެންޓް ހިނާގާ ދިޔަ ގޮތް ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ. ފަސް ސައިކަލް ޖެހި އެކްސިޑެންޓްވި ގޮތާއި ގުޅޭގޮތުން ފުލުހުން މިހާތަނަން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.