ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީން ކެމްޕޭން އޮފީސް "ރައީސް ޔާމީން 2018" ގެ ނަމުގައި ހުޅުވައިފިއެވެ.
މާފަންނު ވެސްޓު ޕާކު ހުރި ތަނުގައި ހެދި ތިން ބުރީގެ އޮފީސް، "ރައީސް ޔާމީން ކެމްޕެއިން އޮފީސް"ގެ ނަމުގައި ހުޅުއްވައިދެއްވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހަފްލާއެއްގައި ރައީސް އަބްދުﷲ ޔާމީނެވެ. މި ހަފްލާގައި ސަރުކާރުގެ ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ރައީސް ޔާމީންގެ އަނބިކަބަލުން މެޑަމް ފާތިމަތު އިބްރާހިމް ބައިވެރިވަޑައިގެންނެވިއެވެ.
ކެމްޕޭން އޮފީސް ހުޅުވުމަށް ފަހު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑައިރެކްޓަރަ އަދްލީ އިސްމާއިލް ވިދާޅުވީ އެ އޮފީހުގެ ކަންމުގައި އިސްކޮށް އުޅުއްވާނީ ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ކަމަށެވެ. އަދި އެ އޮފީހަކީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބްކުރުމަށް ކުރަންޖެހޭ ކަންކަން ރަސްމީކޮށް ކުރުމަށް ހުޅުވި އޮފީހެއް ކަމަށް ކެމްޕޭން ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ އަދްލީ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕީޕީއެމުން ދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ޖަގަހަތަށް ހުޅުވައި ޖަލްސާތައް ބާއްވަމުންނެވެ. އަދި އަތޮޅުތެރޭގައި ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާތައް އެޕާޓީގެ ފަރާތުން ބާއްވާއިރު، އަންގާރަ ދުވަހު ހުޅުވި ކެމްޕޭން އޮފީހުގައި އަތޮޅުތެރޭގެ ކެމްޕޭންގެ ކަންކަން ބެލެހެއްޓުމަށް ކޮންމެ އަތޮޅަކަށް މޭޒެއް ބަހައްޓާފައިވެއެވެ.