ލޯކަލް ގަވަރމަންޓް އޮތޯރިޓީން މިހާރު ކުރާ ހަމައެކަނި ކަމަކީ ކައުންސިލްތަކުގެ ބާރުވެރިކަން ހަނިކުރުމަށް ފިޔަވަޅު އެޅުން ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވެއްޖެވެ.
އަންގާރަ ދުވަހު ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ޝަމާއު ޝަރީފް ވިދާޅުވީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޒިންމާ އެ އޮތޯރިޓީއަށް ނުނެގޭ ކަމަށެވެ. ކައުންސިލްތަކުގެ ހިންގުން ރެގިއުލޭޓް ކުރުމާއި ، ކައުންސިލް މެމްބަރުންނަން ތަމްރީން ޕްރޮގްރާމް ދިނުމަށް ފަދަ ކަންކަން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މެންޑޭޓް ތެރޭގައި ހިމެނޭއިރު، އެކަންކަން ފަހަކަށް އައިސް ނުކުރާކަން ޝަމާއު ފާހަގަކުރެއްވިއެވެ.
ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޒިންމާ އެތޯރިޓީގެ މެމްބަރުން ނުނަންގަވާ، މިއަދު މަސައްކަތް ކުރާނީ ކައުންސިލްތަކަށް ފިޔަވަޅު އަޅަން ކަމަށް ޝަމާއު ވިދާޅުވިއެވެ. އަދި ކައުންސިލްތަކުގެ ބާރުވެރިކަން ހަނިކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވައިދުތައް ފާސްކުރުމަކީ ހިމާތަވެރި ކަމެއް ކަމަށް ޝަމާއު ވިދާޅުވިއެވެ.
އެހެންކަމުން ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ބާރުވެރިކަން ވެސް މިއަދު އޮތީ ސަރުކާރުގެ މުށުތެރޭގައިކަން ފާހަގަކުރަމުން، ޝަމާއު ވިދާޅުވީ މިއަދު ކައުންސިލްތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ބައްދަލުވެސް ނުކުރާ ކަމަށެވެ.
އެގޮތުން ރަށްރަށުގެ ކައުންސިލް މެމްބަރުން ރައްޔިތުންގެ ކަންބޮޑުވުން މިނިސްޓަރީތަކަށް ހިއްސާކުރުމަށް މާލެ އައުމުން، މިނިސްޓްރީ ތަކުން ކައުންސިލަރުންނާއި ބައްދަލުވެސް ނުކުރާ ކަމަށް ޝަމާއު ވިދާޅުވިއެވެ. ކައުންސިލްތަކުން މިނިސްޓްރީ ތަކަށް ފޮނުވާ ސިޓީތަކަށް ވެސް ޖަވާބު ނުދޭކަމަށް ޝަމާއު ވިދާޅުވިއެވެ.
މީގެ އިތުރުން ލޯކަލް ކައުންސިލުތަކަކީ ސަރުކާރުގެ ޚިދުމަތުގެ ފަށަލައަކަށްވީ ހިނދު ކައުންސިލުގެ އަމަލުތަކާއި ކުރާ މުއާމަލާތްތައް ރައްދުވާ ފަރާތަކީ ދިވެހި ސަރުކާރު ކަމަށްވީ ހިނދު، ބޭރުގެ އެކި އެކި ފަރާތްތަކާއި ލޯކަލް ކައުންސިލުތަކުން މުއާމަލާތުކޮށް ބައްދަލުވުންތައް ބާއްވާނަމަ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ދިވެހިރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތުތަކަށް ބުރޫ އަރައި ދިވެހި ރާއްޖެއިން ތަސްދީޤް ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކަށް ފުށޫއަރާ ގޮތްވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް އެލްޖީއޭގެ ނެރުނު ސާރކިއުލާއެއްގައި ބުނެފައި ވަތީ ޝަމާއު ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކަވާފައެވެ.