ވަކާލާތު ކުރުމުން ސަސްޕެންޑް ކޮށްފައިވާ ގާނޫނީ ވަކީލު މަހުފޫޒު ސައީދު، ރާއްޖޭގެ ކޯޓުތަކުގައި ހިންގާ ޝަރީއަތްތައް އަޑުއަހަން ވެސް ނުވައްދަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަންގާފައިވަނީ އެ ކޯޓުގެ ދަށުން ހިންގާ ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް(ޑީޖޭޔޫ) މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ކޯޓުތަކަށް ހޯމަ ދުވަހު ފޮނުވި މެސެޖެއްގަ އެވެ.
"ވަރަށް ވަރަށް އަވަސް" ޖަހާފައިވާ އެ މެސެޖުގައިވާ ގޮތުގައި، މަހުފޫޒު ސަސްޕެންޑް ކޮށްފައިވަނީ ގާނޫނީ ވަކީލުންގެ ގަވާއިދާއި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރުމާއި ބެހޭ ގަވާއިދާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ މައްސަލަ ތަހުގީގު ކުރަމުންދާތީ، އެ މައްސަލައިގައި ވަކިގޮތެއް ކަނޑައަޅަންދެނެވެ.
އެ މެސެޖު މެދުވެރިކޮށް ސުޕްރީމް ކޯޓުން ވަނީ، ދައުވާލިބޭ ނުވަތަ ދައުވާކުރާ ފަރާތެއްގެ ގޮތުގައި މަހުފޫޒު ހިމެނޭ މައްސަލައެއް ފިޔަވައި، އެހެން އެއްވެސް މައްސަލައެއްގައި ދައުވާކުރާ ނުވަތަ ދައުވާ ލިބޭ އެއްވެސް ފަރާތެއްގެ ބަދަލުގެ ގޮތުގައިވިޔަސް މަހުފޫޒު ކޯޓުތަކަށާއި ޓްރައިބިއުނަލްތަކަށް ބަލައިނުގަތުމަށް އަންގާފަ އެވެ.
މީގެ އިތުރުން، ޝަރުއީ ކޯޓެއްގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގެ އަޑުއެހުމަށް ޝަރީއަތުގެ މަޖިލިސްތަކަށް މަހުފޫޒު ނުވައްދަން ވެސް ކޯޓުތަކަށް ވަނީ އަންގާފަ އެވެ.
ސުޕްރީމް ކޯޓުން މަހުފޫޒާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅާފައިމިވަނީ، އެ ކޯޓަށާއި ވަކިން ހާއްސަކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ފާޅުގައި މަހުފޫޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ދަނިކޮށެވެ.
ޝަރުއީ ދާއިރާގައި ގިނަ ކަންތައްތަކެއް ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ހިންގަމުންދާ ކަމަށް ބުނެ، މަހުފޫޒު ސައީދާއި އިތުރު 55 ވަކީލަކު ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުން އެ ހުރިހާ ވަކީލުންނެއް ސަސްޕެންޑު ކުރީ ސެޕްޓެމްބަރު 10 ވަނަ ދުވަހު އެވެ.
ސަސްޕެންޑު ކުރި ވަކީލުންގެ ތެރެއިން 17 ވަކީލެއް ފިޔަވައި އެހެން ވަކީލުންނަށް ވަކާލާތު ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފަ އެވެ.