ކ. މާލެ
|
12 ޑިސެންބަރ 2017 | އަންގާރަ 14:35
ބީބީސީއިން ހޮވާ އަހަރުގެ އެންމެ މޮޅު އެފްރިކާގެ ކުޅުންތެރިޔާގެ އެވޯޑާއެކު ސަލާހު ފޮޓޯއަކަށް ހުއްޓިގެން
ބީބީސީއިން ހޮވާ އަހަރުގެ އެންމެ މޮޅު އެފްރިކާގެ ކުޅުންތެރިޔާގެ އެވޯޑާއެކު ސަލާހު ފޮޓޯއަކަށް ހުއްޓިގެން
ގެޓީ އިމޭޖަސް
މުހައްމަދު ސަލާހު
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ސަލާހުއަށް
ހަމައެހެންމެ މިސްރުގެ ގައުމީ ޓީމު 28 އަހަރަށްފަހު ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ސަލާހުގެ ހިއްސާ ބޮޑު
ސަލާހު ވެގެން ގޮސްފައިވަނީ މި އެވޯޑު ހާސިލުކުރި މިސްރަށް ނިސްބަތްވާ ތިންވަނަ ކުޅުންތެރިޔާއަށް
މި އެވޯޑު ލިބިގެންދިޔައީ މިދިޔަ ސީޒަނުގައި ކްލަބް ފެންވަރުގައާއި ގައުމީ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން

ބީބީސީއިން ހޮވާ އެފްރިކާ ބައްރަށް ނިސްބަތްވާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަޕޫލްއަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ހޯދައިފިއެވެ.

ބީބީސީއިން ދޭ މި އެވޯޑަށް ސަލާހުއާ ދެކޮޅަށް ވާދަކޮށްފައިވަނީ ގެބޯންގެ ފޯވާޑް ޕިއާ އެމެރިކް އޮބަމަޔާން އާއި ގިނީގެ މިޑްފީލްޑަރު ނަބީ ކެއިޓާ އާއި ސެނެގޯލްގެ ފޯވާޑް ސަދިއޯ މާނޭގެ އިތުރުން ނައިޖީރިއާގެ ޑިފެންޑަރު ވިކްޓާ މޯސެސްއެވެ.

ސަލާހުއަށް މި އެވޯޑު ލިބިގެންދިޔައީ މިދިޔަ ސީޒަނުގައި ކްލަބް ފެންވަރުގައާއި ގައުމީ ޓީމުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ ސީޒަނުގައި އިޓަލީގެ ރޯމާގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން މި ނިމުނު ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ލިވަޕޫލްއިން ވާނީ އޭނާ އެ ޓީމަށް ގެނެސްފައެވެ. އެގޮތުން ސަލާހުގެ ފީއެއްގެ ގޮތުން ލިވަޕޫލްއިން ވަނީ 38 މިލިއަން ޕައުންޑް ދައްކާފައެވެ.

އޭނާ ވަނީ މިދިޔަ ސީޒަނުގައި އިޓަލިއާން ސެރީއޭގެ ދެވަނަ އޭއެސް ރޯމާއިން ހޯދިއިރު އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މިދިޔަ ސީޒަނުގެ ސެރީއޭގައި އޭނާވަނީ 15 ލަނޑު ޖަހައި 11 އެސިސްޓް ހަދާފައެވެ.

ހަމައެހެންމެ މިސްރުގެ ގައުމީ ޓީމު 28 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމުގައި ސަލާހުގެ ހިއްސާ ބޮޑެވެ. މިސްރުންޖެހި ހަތް ލަނޑުގައި ވެސް އޭނާގެ ހިއްސާއެއް އޮތްއިރު މިސްރަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބުނީ ކޮންގޯއާ ދެކޮޅަށް އެ ގައުމު ކުޅުނު މެޗުގެ އެންމެ ފަހު މިނެޓުގައި ސަލާހު ޖެހި ލަނޑުންނެވެ. މީގެއިތުރުން 2017 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ދެވަނަ މިސްރުން ހޯދިއިރު ވެސް އެ ޓީމުގައި ސަލާހު ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ބީބީސީއިން ދޭ މި ޝަރަފުވެރި އެވޯޑާއި ހަވާލުވުމަށް ފަހު އުމުރުން 25 އަހަރުގެ ހުނަރުވެރިން ވިންގަރ ބުނީ މިއީ މިއަހަރުގެ ތެރޭގައި ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި މި އެވޯޑު ލިބުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. ސަލާހު ބުނީ އޭނާ މަސައްކަތް ކުރަނީ މިސްރުން މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއަށް ވާން ކަމަށާއި އޭނާ ބޭނުންވަނީ މިސްރުގެ އެންމެން ވެސް އޭނާއަކީ ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ކަމަށެވެ.

ސަލާހު ވަނީ އޭނާގެ ކުރީގެ ޓީމު ރޯމާއާއި މިހާރުގެ ޓީމު ލިވަޕޫލްގެ އިތުރުން މިސްރުގެ ގައުމީ ޓީމުގައި އޭނާއާއެކު ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މި އެވޯޑަކީ ސަލާހުއަށް ހައްގު އެވޯޑެއް ކަމަށާއި މުސްތަގުބަލުގައި އޭނާގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށެވެ. ސަލާހު ކަހަލަ ކުޅުންތެރިޔެއް އޭނާގެ ޓީމުގައި ހުރުމަކީ ލިބޭ އިތުރު ހިތްވަރެއް ކަމަށް ކްލޮޕް ހާމަކުރިއެވެ.

މިފަހަރުގެ އެވޯޑާއެކު ސަލާހު ވެގެން ގޮސްފައިވަނީ މި އެވޯޑު ހާސިލުކުރި މިސްރަށް ނިސްބަތްވާ ތިންވަނަ ކުޅުންތެރިޔާއަށެވެ.

ސަލާހުގެ ކުރިން މި އެވޯޑު ހާސިލްކުރި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ރިޔާދް މަހަރޭޒް އާއި ޔާޔާ ޓޫރޭ އާއި ޑިޑިއާ ޑްރޮގްބާ އަދި މައިކަލް އެސިއެންގެ އިތުރުން އެމަނުއެލް އަޑެބަޔޯ ހިމެނެއެވެ.

ސަލާހު އަންނަނީ ލިވަޕޫލްއާ ގުޅުނު ފަހުން އެ ޓީމުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޕްރިމިއާ ލީގުގައި މިހާތަނަށް ޖެހި 13 ލަނޑާއެކު ސަލާހުއަކީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް