ސަންޖޭލީލާ ބަންސާލީގެ "ޕަދްމަވަތީ" އަޅުވާނެ ދުވަހެއް އަދިވެސް ފައިނަލް ނުވެއެވެ.
މި ފިލްމު އަދިވެސް އޮތީ ސެންސަރު ބޯޑުގައެވެ. މިއީ 1303 ވަނަ އަހަރު އިންޑިއާގައި ވެރިކަން ކުރެއްވި އަލާއުއްދީން ޚިލްޖީގެ އަނިޔާވެރި ރަސްކަމުގައި އޭނާ އަށް ރާޖްޕޫތުގައި ކުރިން ވެރިކަން ކުރި ރާނީ ޕަދްމަވަތީ ދެކެ ލޯބިވެގެން އޭނާ ހޯދުމަށް ކުރާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މި ފިލްމްގައި ހަޤީގަތާއި ޚިލާފު ބައެއް ވާހަކަތައް ހިމެނޭ ކަމަށް ބުނެ ރާޖްޕޫތު ގްރޫޕްތަކުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ދީޕިކާ ޕަދުކޯން އަދި ރަންވީރު ސިންހްގެ ސެންސަރު ކުރަން ޖެހޭ މަންޒަރުތައް މިފިލްމުގައި ހިމަނާފައިވާ ކަމަށެވެ. އެހެން ނަމަވެސް މި ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީ ބުނެފައިވަނީ މި ފިލްމުގައި އޭގެ މަންޒަރުތަކެއް ނުހިމެނޭނެ ކަމަށާއި ފިލްމު ބެލުމުން އެކަން އެނގިގެން ދާނެ ކަމަށެވެ.
"ޕަދްމަވަތީ" ޝޫޓް ކުރަމުންދިޔައިރު ވެސް އެތަކެއް ދަތި ހުރަސްތަކާއި ކުރިމަތިލާން ޖެހުނެވެ. މި ފިލްމުގެ ޝޫޓިންގައި ފިލްމްގެ ކުރޫއާއެކު ޖެއިޕޫރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ޖެއިޕޫރަށް ނިސްބަތްވާ ޕާޓީ "ކާނި ސެނާގެ" ބައެއް ސަޕޯޓަރުންނާއި މެމްބަރުން ފިލްމުގެ ސެޓް ހަދާފައި ހުރި ޖައިގާ ފޯޓަށް ގޮސް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް ހަމަނުޖެހުން ހިންގާފައިވެއެވެ.
އަފި ފިލްމް ޝޫޓިންގައި ބޭނުން ކުރަމުން ދިޔަ ކެމެރާތަކާއި އެހެނިހެން އަގުބޮޑެތި ސާމާނުތައް ހަލާކު ކޮށްލާފައިވެއެވެ.
ކުރިން "ޕަދްމަވަތީ" އެޅުވުމަށް ނިންމާފައިވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުގައެވެ. ފިލްމު އަޅުވަން ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފައިވަނިކޮށް ފިލްމު އެޅުވުން ފަސްކޮށްފައިވާއިރު ފިލްމުގެ ތަރިންނަށާއި ޑައިރެކްޓަރ ބަންސާލީއަށް ދަނީ މަރުގެ އިންޒާރު ކުރިމަތި ވަމުންނެވެ. އެގޮތުން "ޕަދްމަވަތީ" ގެ ތަރި ދީޕިކާ ޕަދުކޯން އާއި އެ ފިލްމުގެ ޑައިރެކްޓަރ ސަންޖޭ ލީލާ ބަންސާލީގެ ބޯ ބުރިކޮށްލި މީހަކަށް 1.5 މިލިއަން ޑޮލަރު ވަނީ ހުށައަޅާފައެވެ.
ފިލްމް ރިލީޒްކޮށްފި ނަމަ ސިނަމާތަކުގައި އަލިފާން ރޯކުރާނެ ކަމުގެ އިންޒާރުތައް ވެސް މި ފިލްމަށް ވަނީ ލިބިފައެވެ. އެ އިންޒާރުތަކާހެދި މުމްބާއި ފުލުހުން ވަނީ "ޕަދްމަވަތީ" ޓީމުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައެވެ.