މާރާމާރީ ހިންގަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހުއްޓުވައި، ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މިމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 21 އަހަރުގެ ދެ ފިރިހެނުންނެވެ.
އެގޮތުން މިދެމީހުން ވެސް ހައްޔަރު ކޮށްފައިވަނީ ގުލޭނޫރަންމަގުން ވަންވޭއާ އިދިކޮޅަށް ސައިކަލެއްގައި ދުއްވާފައި ދަނިކޮށް އެވަގުތު މާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް ފެނުމާ ގުޅިގެން ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެރޭ 02:37 ހާއިރު ކަމަށް ފުލުހުންގެ މީޑިއާއިން ބުނެފައިވެއެވެ.
ފުލުހުންގެ މީޑިއާއިން ބުނި ގޮތުގައި އެދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު އެދެމީހުން ދުއްވި ސައިކަލް މަޑިދަށުން މާރާމާރީ ހިންގުމަށް ބޭނުންކުރެވިދާނެ ބައެއް ތަކެތި ފެނިފައިވެއެވެ. އަދި މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 5 ދުވަހުގެ މުއްދަތެއް ދީފައެވެ.