ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ހދ. ކޭލަކުނު ފަތުރުވެރިކަމަށް ދޫކޮށްގެން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި 11 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން އަންދާޒާކޮށްފި އެވެ.
ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް، ކަނޑޫފާ ބޮޑު ކޭލަކުނު އިތުރުކޮށްފައިވަނީ ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.
ހދ. އަތޮޅުގެ ތިން ރަށަކާއި ދެ ފަޅެއް ފަތުރުވެރިކަމަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކޭލަކުނުގެ އިތުރުން، ކުޑަފަރުފަސްގަނޑާއި، ކުޑަމުރައިދޫއާއި ބޮޑު ދެ ފަޅެކެވެ.
ކޭލަކުނު ފަތުރުވެރިކަމަށް ދޫކޮށްގެން 11 މިލިއަން ޑޮލަރު(169.6 މިލިއަން ރުފިޔާ) ލިބޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީއިން އަންދާޒާކުރާއިރު، ހދ. އަތޮޅުން ދޫކުރާ ތިން ރަށާއި ދެ ފަޅުން އެކިއުޒިޝަން ކޯސްޓުގެ ގޮތުގައި ޖުމްލަ 847.5 މިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް މިނިސްޓްރީއިން އަންދާޒާކުރެ އެވެ.
ރާއްޖޭގައި އޮތް ޤުދުރަތީ ގޮތުން ތަފާތު މިރަށަކީ ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ސިފަތަކެއް ލިބިފައިވާ ރަށެކެވެ. އެގޮތުން ދުނިޔޭގެ ކުދި ޖަޒީރާތަކަށް ބަލާއިރު، ކޭލަކުނުގައި އޮތް ޒާތުގެ ތިމާވެއްޓެއް އޮތް ރަށެއް މުޅި ދުނިޔޭގައިވެސް ނެތްކަމަށް އެރަށް ދިރާސާކުރި ބައެއް ތަޖުރިބާކާރުން ބުނެފައިވެއެވެ.
ބޮޑުމިނުގައި 88 ހެކްޓަރު ހުންނަ ކޭލަކުނުގެ ބިމުގެ ބޮޑުބަޔަކީ ޗަސްބިމެވެ. އަދި އެރަށުގައި ރާއްޖޭގެ އެހެން ރަށްރަށުން ނުފެންނަ ގިނަ ޒާތްޒާތުގެ ގަސްތައް ހެދިފައިވެއެވެ.
ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލޫޕީސް މޯލްޑިވްސްއިން ހެދި ދިރާސާއެއްގައި ބުނާ ގޮތުން ކޭލަކުނަކީ ކަނޑޫފާގައި ހެދޭ ހަތަރު ވައްތަރެއްގެ ގަސް ގިނަ އަދަދަކަށް ހުރި ރަށެކެވެ. ހަމައެއާ އެކު އެރަށުގައި ބޮޑު ކުޅިއަކާއި ގިނަ އަދަދެއްގެ ރުއް ގަސް ވެސް ހިމެނެ އެވެ.
ފަތުރުވެރިކަމަށް ކޭލަކުނު ދޫކުރުމާއި ދެކޮޅަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އަޑުއުފުލަމުންދާއިރު، އެމީހުން ގޮވާލަމުންދަނީ އެރަށް މިހާރު އޮތް ގޮތަށް ބޭއްވުމަށެވެ. އަދި ހދ. އަތޮޅުގެ އެހެން ރަށްތައްވެސް ހުރިކަން ފާހަގަކޮށް، އެހެން ރަށެއްގައި ފަތުރުވެރިކަން ތަރައްގީކޮށް ހދ. އަތޮޅަށް ޓޫރިޒަމް ގެނައުމަށް ބައެއް ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.
ރާއްޖޭގައި މިވަގުތު އޮތް 'ޖަންގައްޔެއް'ގެ ސިފަ ލިބިގެންދާ ހަމައެކަނި ރަށަކީވެސް ކޭލަކުނެވެ. އެ ރަށުގައި ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ 'ބަރު' ގަސް ހުރިއިރު، އެ ރަށަކީ ރާއްޖޭގައި ބަރު ގަހުގެ ޖަންގައްޔެއްވެސް އޮންނަ ހަމައެކަނި ރަށެވެ.
މީގެ 200 ވަރަކަށް އަހަރު ކުރިން ކޭލަކުނުގައި މީހުން ދިރިއުޅުނެވެ. އެހެން ނަމަވެސް، ވަރުގަދަ ތޫފާނެއްގައި އެރަށް އެއްކޮށް ސުންނާފަތި ވުމުން، އެރަށުގައި ދިރިއުޅުނު މީހުން އެހެން ރަށްރަށް ބަދަލުކުރީކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.