ހޯމަ ދުވަހު ރާއްޖޭ ކަނޑުގެ ސަރަހައްދުން ފެނުނު ސްރީލަންކާގެ މަސް ބޯޓު ހއ.އުލިގަމު ފަޅަށް ވައްދައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ހާލުގައި ޖެހިފައިވަނިކޮށް ފެނުނު ލަންކާގެ މަސްބޯޓު އުލިގަމަށް ގެންދިޔައީ އަންގާރަ ދުވަހުގެ ހެނދުނު 6:15 ގައި ކަމަށެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ބޯޓު ބަލާ އައުމުގެ މަސައްކަތް ލަންކާއިން ދަނީ ކުރަމުންނެވެ.
ސްރީލަންކާގެ މި މަސް ބޯޓު ފެނިފައިވަނީ ހއ.ތުރާކުނުގެ 62 ނޯޓިކަލް މޭލު ބޭރުން، ތޫފާން "އޮކި" ގައި ހާލުގައި ޖެހުނު މަސްބޯޓު ތައް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދަނިކޮށް ކަމަށް ކޯސްޓްގާޑުން މައުލޫމާތު ދެއެވެ. ހޯމަ ދުވަހުގެ 15:30 ހާއިރު ފެނުނު "ރަޝަނީ ޑުވާއު" ނަމަކަށް ކިޔާ ސްރީލަންކާގެ މި މަސް ބޯޓުގައި ހަތް މީހުން ތިއްބެވެ. އެމްއެންޑީއެފުން ބުނީ މި ހަތް މީހުންގެ ހާލު ރަނގަޅު ކަމަށެވެ.
މި ބޯޓަކީ ތޫފާން "އޮކި" ގައި ސްރީލަންކާއި ގެއްލިގެން ހޯދަމުންދާ ބޯޓުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ. ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތަކާއި ގުޅިގެން މި ބޯޓުގެ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް އެމްއެންޑީއެފް އަންނަނީ ކުރަމުންނެވެ.