މާރުކޭޓު ގޮޅިތައް ހުސްކުރުން ހޯމަދުވަހުގެ ނިޔަލަށް ހަމަވި ނަމަވެސް އެ މުއްދަތު މި މަހުގެ ޑިސެމްބަރު، 28 ގެ ނިޔަލަށް ހައުސިންގ މިނިސްޓްރީން އިތުރުކޮށްފި އެވެ.
ކުރިން ހައުސިން މިނިސްޓްރީން ގޮޅިތައް ހުސްކުރުމަށް އަންގާފައިވަނީ ޑިސެމްބަރު 11 ވާ، ހޯމަ ދުވަހަށެވެ. އެހެން ނަމަވެސް ހޯމަ ދުވަހު ހައުސިންގ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، ގޮޅިތަކާއި ގާޑިޔާތައް ހިންގުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދޫކުރުމުގެ އުސޫލު އެކުލަވާލުމަށް ފަހު، މިއަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު އިއުލާނު ކުރި ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރެ އެވެ. ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދޫކުރުމުގެ ފުރުސަތު ޖޫން 12 ވަނަ ދުވަހު އިއުލާންކޮށްފައިވާ އިރު ޖުމްލަ 4000 ވުރެ ގިނަ ފޯމް ގޮޅިތަކަށް އެދި ހުށަހަޅާފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރެ އެވެ.
ފޯމްތަކަށް މާކްސް ދެވޭނެ އުސޫލުގެ ދަށުން ގޮޅިތައް ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު ޝޯޓްލިސްޓު ކުރުމަށްޓަކައި ފޯމްތައް ހުށަހަޅާފައިވާ ފަރާތްތަކުން ދައުލަތަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭތޯ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ބަލާ ޗެކް ކުރުމަށް ފަހު ދައުލަތައް އެއްވެސް ފައިސާއެއް ދައްކަންޖެހޭނަމަ، އެފަރާތެއް ޝޯޓްލިސްޓް ނުވާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.
ޝޯޓްލިސްޓް ކުރުމަށް ފަހު އޮންނަ އުސޫލުގެ ތެރެއިން ފޯމްތަކަށް މާކްސް ދެވުނު ކަމަށާއި މި ޕްރޮސެސް ކުރިއަށް ގެންދިއުމަށް ފަހު ގޮޅިތަކާއި ގާޑިޔާތައް ހިންގާ ފަރާތްތަކުގެ ތެރެއިން އެތަނަށް ދައްކަން ޖެހޭ ކުލި އަދި ޖޫރިމަނާ ފައިސާއާއި ގޮޅިތަކާއި ގާޑިޔާ ކުށްޔަށް ދޫކުރުމާއި ބެހޭ އުސޫލާއި ހިލާފަށް އަމަލު ކުރަމުންދާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކުގެ ގޮޅިތައް ހުސްކުރުމަށް ޑިސެމްބަރުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތެއް އިތުރު ކުރެވިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެ އެވެ.
މިކަމާ ގުޅިގެން ގޮޅިތަކުގެ ވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތަކުން ބުނީ، މިއީ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ އެ ފަރާތްތަކުން ވިހި ތިރީސް އަހަރު ވަންދެން ކުރި މަސައްކަތް ކަމަށެވެ.