ކްރިކެޓް ކުޅުންތެރިޔާ ވިރާތު ކޯލީއާއި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ ކައިވެނިކޮށްފިއެވެ. ވިރާތާއި އަނުޝްކާއި ކައިވެނިކޮށްފައިވާކަން އެދެމީހުންގެ އިންސްޓަގްރާމުގައި ވަނީ ހާމަކޮށްފައެވެ. އެދެމީހުން ކައިވެނި ކުރީ އިޓަލީގެ ރިސޯޓެއްގައި ހޮނިހިރު ދުވަހުގައެވެ.
ވިރާތާއި އަނުޝްކާގެ އިންސްޓަގްރާމުގައި އެދެމީހުން ކައިވެނިކޮށްފައިވާ ފޮޓޯ ލާފައިވާއިރު ދެމީހުންވެސް ކެޕްޝަންގައި ޖަހާފައިވަނީ އެކައްޗެކެވެ. އެދެމީހުން އެކަކު އަނެކަކު މުޅި އުމުރުގައި އުޅުމަށް ވައުދު ވެއްޖެކަމަށާއި އެންމެންނަށް އެ ޚަބަރު ދޭކަމަށް އެ ކެޕްޝަންގައި ވަނީ ލިޔެފައެވެ. އެ އުފާވެރި ދުވަހުގައި އާއިލާއާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބަކީ އެ ދެމީހުންގެ ކައިވެނި ހާއްސަވި ކަމެއްކަމަށާއި އެކަމަށް ޝުކުރު އަދާކުރާކަމަށް ވަނީ ބުނެފައެވެ. ވިރާތާއި އަނުޝްކާވަނީ ކައިވެނިކުރިކަން ޓްވިޓާ މެދުވެރިކޮށްވެސް އިއުލާންކޮށްފައެވެ.
އެދެމީހުން ކައިވެނިކުރަން އުޅޭ ވާހަކަ އަކީ މިދިޔަ ހަފްތާއިން ފެށިގެން އިންޑިއާގެ ނޫސްތަކުގައި އެންމެ ގިނައިން ދެކެވެމުން އައި އެއް ވާހަކައެވެ. ނޫސްވެރިންނާއި ޚަބަރު ފަތުރާ ވަސީލަތްތަކުން މިކަން ކަށަވަރުކޮށްދެމުން ދިޔައިރު އަނުޝްކާގެ ސްޕޯކްސްޕާސަން ބުނަމުން ދިޔައީ އެއީ ދޮގެއްކަމަށެވެ.
މިކައިވެނީގެ ހަފްލާއަށް ދައުވަތު އަރުވާފައިވަނީ އަނުޝްކާއާއި ވިރާތުގެ އާއިލާގެ މީހުންނާއި އެންމެ ގާތް މީހުންނަށެވެ.
ޚަބަރުތައް ބުނާގޮތުގައި އެދެމީހުން އެނބުރި އިންޑިއާއަށް އައުމަށްފަހު ވަރަށް އަވަހަށް ޕާޓީއެއް ބާއްވާނެއެވެ. އެޕާޓީގައި ކްރިކެޓް ކުޅުންތެރިންނާއި ބޮލީވުޑްގެ ތަރިންގެ އިތުރުން އާއިލާގެ މީހުން ބައިވެރިވާނެއެވެ.
ވިރާތާއި އަނުޝްކާ ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ހަތަރު އަހަރު އުޅުމަށް ފަހުގައެވެ. އެދެމީހުން އެންމެ ފުރަތަމަ ދިމާވެފައިވަނީ އެއްކޮށް ކުޅުނު އިޝްތިހާރަކުންނެވެ.