ޤާނޫނު އަސާސީގައި އެކަމަށް ވަކި ބާބެއް ލިޔުނެވެ. އެ ބާބުގައި އެކަން ކުރަންވީގޮތާއި، އެކަން ކުރުމަށް ހަދަންޖެހޭ ޤާނޫނުތަކާއި، އެ މީހުންގެ މަސްއޫލިއްޔަތުތައް ވަރަށް ތަފްސީލްކޮށް ލިޔެ، ބަޔާން ކޮށްފައިވެއެވެ.
މައިގަނޑު މަޤްސަދަކަށްވެފައި އޮތީ ދުނިޔޭގެ އެހެން ޑިމޮކްރަސީތަކާއި އެއްގޮތަށް ރައްޔިތުންނާއި ގާތުން ޚިދުމަތްދޭނެ ނިޒާމެއް ޤާއިމްކުރުމެވެ. އެ ރައްޔިތުން އިންތިހާބުކުރާ ބަޔަކު، އެ ރައްޔިތުންގެ ބޭނުންވާ ކަންތައްތަކަށް ވަކާލާތުކޮށް، އެކަންކަން ފުރިހަމަކުރެވޭނެ ގޮތްތައް ހަމަޖެއްސުމެވެ. މައި ސަރުކާރަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ.
އެއީ ޤާނޫނު އަސާސީގެ އަށްވަނަ ބާބެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބާބުވެ. ޤާނޫނު އަސާސީން 8 ވަނަ ބާބުން ބާރުލިބިގެން 2010 ވަނަ އަހަރު އެކުލަވާލި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނުނުގައި ވަރަށް ތަފްސީލްކޮށް ކައުންސިލްތަކުގެ ބާރުތައް ލިޔެފައިވެއެވެ. ރަށުގެ ބިންތަކާއި، ފަރުތައް ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ބަދަލުކޮށް، އަމިއްލައަށް މާލި ފައިދާ ހޯދާނެ ފުރުސަތު އެ ޤާނޫނުން ފަހިކޮށްދީފައިވެއެވެ.
ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަމުގައި މައި ސަރުކާރުގެ މިނިސްޓަރުންގެ ފައިދަށަށް ވެއްޓި ސަލާންޖަހަން ޖެހުނު ޖެހުން ނިމުމަކަށް ގެނެސް، މައި ސަރުކާރުގެ ބާރުތައް ބަހާލެވި، ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުންނަށް އެ ބާރުތައް ހަވާލުކުރެވޭނެ ނިޒާމެއް ދައްކުވައިދީ، ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވާނެ ދޮރުތައް ހުޅުވާލި އެވެ. ނަމަވެސް އުފައްދަންޖެހޭ ސުވާލަކީ އެ ފޮނި އުއްމީދާއެކުގައި ގެނައި ނިޒާމްގެ ބޭނުމެއް މިއަދު އެބައޮތްތޯ އެވެ.
ހިތާމަޔަކީ، ރައްޔިތުން މައި ސަރުކާރުގައި ސަލާންޖަހަން ނުޖެހި، ތަރައްޤީޤެ މަސައްކަތްތައް ކުރިއަށްގެންގޮސް، ކުރިއަރައިގެންދާ މަންޒަރު ބަލަން މައި ސަރުކާރުގައި ތިބި ވެރިންނަށް ކެތް ނުކުރެވުނުކަމެވެ. ރައީސް އަބްދުﷲ ޔާމީންގެ މެޖޯރިޓީ އޮތް މަޖިލީހުން އެންމެ ގިނަ އިސްލާހު އެ ޤާނޫނަކަށް ގެނައި ޤާނޫނަކީ އިދަރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށްވާތީ އެވެ. އެ ޤާނޫނަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކަނިވެސް 6 އިސްލާހެއް ގެނެސް ޤާނޫނު ކޮށާ ކުދިކޮށްލާފައިވެއެވެ. ޤާނޫނުގެ ބޭނުން ވަނީ ކަނޑުވާލާފައެވެ.
ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ ރައްޔިތުންގެ މަޖިލީހުން ޤާނޫނު ބުރިބުރިކޮށްލައި، ރައްޔިތުންނަށް ލިބިދިން ބާރުތައް އަތުލައި، ހުރިހާ ބާރުތަކެއް ވަނީ މައި ސަރުކާރަށް ޖަމާކޮށްފަ އެވެ. ރައްޔިތުންނަށް ލިބުނު ބާރުވެރިކަން އަތުލަމުން ގޮސް، ކައުންސިލްތަކަކީ ހަމައެކަނި ޤަބުރުސްތާނުތައް ބަލަހައްޓާ ބަޔަކަށް ބަދަލުކޮށްލާފައިފިއެވެ. ކައުންސިލްތަކުގެ މެމްބަރުންނާއި، އިދާރީ މުވައްޒިފުންގެ މުސާރަ ފިޔަވައި އެންމެ ފައިސާ ފޮއްޗެއްވެސް ކައުންސިލްތަކަށް ނުލިބޭގޮތަށް ހުރިހާ ބިންތަކެއްވެސް އަތުލާފައިފިއެވެ.
މުޅި ނިޒާމްގެ ބޭނުން ކަނޑުވާލައި، އެއީ ކަމުނުދާ ނިޒާމެއް ކަމަށް ރައްޔިތުންނަށް އަންގައިދިނުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްފައިވާއިރު، ރައްޔިތުންގެ ހައްޤުގައި ކައުންސިލްތަކުން ބަސް ބުނެފާނެތީވެ، އެލްޖީއޭ ވެސް އެމަނިކުފާނުވަނީ ކޮށާ ކުދިކޮށްލާފައެވެ. އެލްޖީއޭގައި ތިބެން ޖެހޭނި އެމަނިކުފާނު އައްޔަނުކުރައްވާ ކުދިންތަކެއް ކަމަށް ނިންމައި، ރައްޔިތުންގެ ދިފާއުގައި ބަސް ބުނާ ކައުންސިލްތަކާއި މެދު ފިޔަވަޅު އަޅައި، ވަކިވަކި ކައުންސިލް މެމްބަރުން ސަސްޕެންޑްކުރަމުންގެންދިޔަ އެވެ.
ހިކުރެވިފައި އޮތީ އެވަރުން އެމަނިކުފާނު ހުއްޓަވާލައްވަފާނެ ކަމަށެވެ. ރައްޔިތުން މައި ސަރުކާރުގެ އަޅުންނަށް ހެދުމުގެ ސިލްސިލާ އެ ހިސާބަށް މަޑުޖައްސަވާލައްވާނެ ކަމަށެވެ. އެހެނީ އެ ހިސާބަށް އައިއިރު، ކައުންސިލްތަކަކީ ރައްޔިތުންގެ ވާހަކަތައް އެހެން ފަރާތްތަކާއި ހަމައަށް ގެނެސްގޮސްދޭ ބަޔެއްގެ ގޮތުގައި ހަމައެކަނި އޮތަތީ އެވެ. ހުރިހާ އާރަކާއި، ބާރެއް މައި ސަރުކާރަށް ނަގައި ހުސްކޮށްލާފައިވާތީ އެވެ. ނަމަވެސް އެވަރުންވެސް އެމަނިކުފާނުގެ އެ ސިލްސިލާ ހުއްޓަވާލައްވާފައެއް ނުވެއެވެ.
އެންމެފަހުން ބޭރުގެ ފަރާތްތަކާއި ވާހަކަދެއްކުންވެސް ކައުންސިލްތަކަށް މަނާކުރީ އެވެ. ކައުންސިލްތަކުން ބޭނުންވާ ކަންތައްތައް ބޭރުގެ ފަރާތްތަކާއި ހިއްސާކޮށް، ހިލޭ އެހީއެއް ނަމަވެސް ހޯދަފާނެތީވެސް ބިރުފުޅު ގަތީކަމަށް ވެދާނެ އެވެ.
މިހާރު އޮތްގޮތުން ނަމަ ބޭރުގެ ފަރާތަކާއި، ވާހަކަދައްކާލުމަކީވެސް ކައުންސިލްތަކަށް ބޮޑު ކުށެކެވެ. އެފަދަ ވާހަކައެއް ދައްކައިފިނަމަ ޤައުމުގެ އަމިއްލަވަންތަކާއި، އިސްތިޤްލާލާއި، ދާހިލީ ކަންތައްތައް ނެތިދާނެތީވެ އެވެ. ބޭރުގެ ފަރާތަކާއި ވާހަކައެއް ދައްކާނަމަ މައި ސަރުކަރުގެ މިނިސްޓަރުގެ ފައިދަށަށް ވެއްޓި އާދޭސްކުރުމުން ނޫނީ އެކަން ނުކުރެވޭނެކަމަށް އެ ވަނީ ކަނޑައަޅާފަ އެވެ. އެލްޖީއޭގެ ސާކިއުލާއަކުން ވަނީ އެކަމުގެ އިންޒާރުދީފަ އެވެ.
ދެން އޮތް ސުވާލަކީ ލާމަރުކަޒީ ނިޒާމްގެ ކުޑަވެސް ބޭނުމެއް މިއަދު އެބައޮތްތޯ އެވެ. މިހާރު އޮތް ހާލަތަށް ބަލާކަމުގައިވާނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ދިމާކޮށް، ކައުންސިލް މެމްބަރުން އާންމު ރައްޔިތުންނާއި ވާހަކަދެއްކުމަކީ ކުށެއްކަމަށްވެސް ރައީސް އަބްދުﷲ ޔާމީންގެ އެލްޖީއޭއިން ކަނޑައަޅާފާނެ އެވެ. އެހެނީ ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅަށް އޮތުމާއެކު ރައީސް ޔާމީންގެ ކެމްޕޭނަށް ހުރަސްއެޅިދާނެތީ އެވެ.
ރައީސް އަބްދުﷲ ޔާމީން އެވެ. ހޯމް މިނިސްޓަރު އަޒްލީން އަހުމަދުއެވެ. އަދި އެލްޖީއޭގެ މެމްބަރުންނޭވެ. ތިޔަބޭފުޅުން ތިޔަ ސަކަރާތް ނުޖައްސަވާ ލުއިކޮށް، އެކީ އެކައްޗަށް ތިކަން ނިންމާލަންވީ ނޫންތޯ އެވެ. ހަމަ ޔަޤީނުންވެސް ދައުލަތުގެ މާލިއްޔާއަށް ލުޔެއް ލިބޭނެ ނޫންތޯ އެވެ.
އަސްކަރިއްޔާ ބޭނުންކޮށްގެން ހިންގާ މަޖިލީހުން ލާމަރުކަޒީ ނިޒާމް އެކި އެކައްޗަކަށް އުވާލަންވީ ނޫންތޯ އެވެ. އެހެނީ ހަމަ ޔަޤީނުންވެސް ފެންނަން އޮތް މަންޒަރަށް ބަލާކަމުގައިވާނަމަ މަނިކުފާނާއި، މަނިކުފާނުގެ ސަރުކާރަކީ ރައްޔިތުންނަށް ކުޑަވެސް ބާރުވެރިކަމެއް ދިނުމަށް އެދިތިބި ބަޔެއް ނޫންކަން އެނގެ އެވެ. އެހެންކަމުން ނަމެއްގައި ކައުންސިލްތަކެއް ބާއްވައި، ކައުންސިލްތަކަށް މުސާރަ ދިނުމުގެ ބަދަލުގައި ކޮންމެވެސް އެކްޓިވިސްޓެއް ބޮޑު ކަތީބަށް އައްޔަންކުރުމަށްފަހު، ނިޒާމް ކަފުން ކުރަންވީ ނޫންތޯ އެވެ. ހަމަ ޔަޤީނުންވެސް މަނިކުފާނަށް ފައިސާކޮޅެއް ސަލާމަތް ކުރެވޭނެތާއެވެ.
ރައްޔިތުން އުޅެފާނެ ނޫންތޯ އެވެ. އަނެއްކާވެސް ކަމެއް ބޭނުންވުމާއެކު ވަފުދު ހަދާފައި މާލެ އައިސް، މައި ސަރުކާރުގެ އިސްވެރިންނާއި، ޚުދު މަނިކުފާނުގެ ފައިންޕުޅަށް ވެއްޓި ސަލާންޖަހާނެ ނޫން ހެއްޔެވެ. މަނިކުފާނު ބޭނުންވާ ގޮތް އޭރުން ހާސިލްކުރެވެނީ ނޫންތޯއެވެ. ނަމެއްގައި ބަޔަކު ބޭތިއްބުމުގެ އެއްވެސް ބޭނުމެއް ނެތެވެ.
ރައްޔިތުންނޭވެ. ދެން އަތްޖަހާށެވެ. ހަމަ ބާރަށް އަތްޖަހާށެވެ.