ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭނާގެ މައްޗަށް ތުހުމަތު ކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު ކޯޓު އަމުރުގެ އިސްތިއުނާފީ މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗު މިހާރު ވަނީ ރޫޅިފައި ކަމަށް އޭނާ ވަކީލު ވިދާޅުވެއްޖެ އެވެ.
ފާރިސްގެ ވަކީލް މައުމޫނު ހަމީދު ހޯމަ ދުވަހު ހައިކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ފާރިސްގެ މައްސަލަ ބެއްލެވުމަށް، އެންމެ ފަހުން އެކުލަވާލި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުޖާއު އުސްމާނަކީ ސުޕްރީމް ކޯޓުގެ އަމުރަކުން ހައިކޯޓުގައި ތިން މަސްދުވަހު މަސައްކަތް ކުރެއްވުމަށް ބަދަލު ކުރެއްވި ފަނޑިޔާރެއް ކަމަށްވާތީ މިހާރު އެ ބެންޗް ރޫޅިފައިވާ ކަމަށެވެ. ހައިކޯޓު ދެކުނު ގޮތްޕަށް ކަނޑައަޅުއްވާފައިވާ ޝުޖާއު އުސްމާން ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވަން ބަދަލު ކުރެއްވީ ސެޕްޓެމްބަރު ފަސް ވަނަ ދުވަހުން ފެށިގެން ތިން މަސްދުވަހުގެ ނިޔަލަށެވެ.
އެހެން ކަމުން ފާރިސްގެ ވަކީލް ވަނީ އެ ބެންޗް ރޫޅިފައިވާތީ އެ މައްސަލާގެ ބެންޗް އަލުން އެކުލަވާލުމަށް އެދިވަޑައިގެންފަ އެވެ. އަދި އެއީ އެންމެ ފުރަތަމަ މި މައްސަލަ ބެއްލެވުމަށް އެކުލަވާލި ބެންޗަށް ހެއްދެވުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ.
ފާރިސްގެ އިސްތިއުނާފު މައްސަލަ އެންމެ ފުރަތަމަ ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބުދުއް ރައޫފް އިބްރާހީމް އެވެ. އެހެން ނަމަވެސް، ހުކުމް އިއްވުމާ ހަމައަށް ގޮސްފައިވަނިކޮށް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް ވަނީ ބަދަލު ގެނެސްފަ އެވެ. ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.