ބޭރުގެ ފަރާތްތަކާއި ގުޅިގެން ރައްޔިތުންގެ ފައިދާއަށް މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ޤާނޫނުން ހުއްދަ ލިބިދީފައިވާ ކަމަށާއި، ބޭރުގެ ފަރާތްތަކާއި ބައްދަލު ކުރުމަށް ކައުންސިލްތަކަށް މަނާކުރީ ސަރުކާރު ބިރުގަންނާތީ ކަމަށް މާލޭގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރުގެ ހުއްދަ ނެތި ކައުންސިލްތަކަށް ބޭރުގެ ފަރާތްތަކާއި ބައްދަލު ނުކުރެވޭގޮތަށް ސާކިއުލާއެއް ނެރި އެކަން ކައުންސިލްތަކަށް އެންގުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ބައްދަލުކުރާއިރު ހުއްދަ ހޯދަންޖެހޭ ކަމަށް އެލްޖީއޭއިން އެންގި ނަމަވެސް ނިޒާމް ހިނގަނީ އެގޮތަށް ނޫން ކަމަށެވެ. އެގޮތުން ބޭރުގެ ފަރާތްތަކާއި ގުޅިގެން ރައްޔިތުންގެ ފައިިދާއަށް ކަންކަން ކުރަންޖެހޭ ކަމަށް ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ ކަމަށް މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.
"ތިނަދޫ ކައުންސިލުން ބޭރުގެ ފަރާތްތަކާއި ބައްދަލުކުރީމައި ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ. އައްޑު އަތޮޅު ކައުންސިލާއި ބައްދަލުކުރުމުގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެއްޖެ. މިކަންކަމާއި ގުޅިގެން މި އަންނަނީ. އެކަމަކު އަޅުގަނޑުމެންނަށް ދައުވަތުވެސް އެބަލިބޭ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ބޭރުގެ ފަރާތްތަކާއި އެކުގައި މަސައްކަތް ކުރުމަށް." އެލްޖީއޭގެ ނިންމުމާއި ގުޅިގެން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވި އެވެ.
އެލްޖީއޭ އެކުލެވިގެންވާ ގޮތަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ އެލްޖީއޭއަކީ ރައީސް ޔާމީން އައްޔަނުކުރައްވާ މަދު އަދަދެއްގެ ބަޔަކު އެކަނި ކަމަށެވެ. މީގެކުރިން ކައުންސިލްތައް އެލްޖީއޭގައި ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް މިހާރު އެ ފުރުސަތު ވެސް ނެތް ކަމަށް ޝިފާ ވިދާޅުވި އެވެ. އަދި މީގެކުރިން އެލްޖީއޭއިން ނިޒާމް ހަރުދަނާ ކުރުމަށް ކުޑަކޮށް މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް މިހާރު އެފަދަ އެއްވެސް މަސައްކަތެއް ކުރާ މަންޒަރު ނުފެންނަ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވި ގޮތުގައި މި ސަރުކާރުން ލާމަރުކަޒީ ނިޒާމް ހިންގާކަށް ބޭނުމެއް ނުވެ އެވެ. އަދި ޤާނޫނު އަސާސީއަށް މި ސަރުކާރުން އިހުތިރާމް ކުރާ މަންޒަރު ވެސް ނުފެންނަ ކަމަށް ޝިފާ ވިދާޅުވި އެވެ.