ށ. މިލަންދޫ ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް ކަމަށްބުނާ މައްސަލަ ތަޙްޤީޤްކުރުމަށް ފަހު، އެ މަސައްކަތަށް ހުށަހަޅާފައިވާ ބިޑުތައް އިވެލުއޭޓްކުރި މެމްބަރުން އަދި ށ. މިލަންދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބު ގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނީ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު އޮފީހުން ރަށު އޮފީސްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެންމެ ފަހުން ކުރި އިޢުލާނާ ގުޅިގެން ށ. މިލަންދޫ އޮފީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 14 ފަރާތަކުން މަޢުލޫމާތު ސާފުކޮށް 08 ފަރާތުން ހުށަހެޅި ބިޑްތައް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިވެލުއޭޓްކުރުމުގައި އަގަށާއި، ކަމަށް އެކަށޭނަ މިންވަރާއި، ހުށަހަޅާފައިވާ ބިޑްގެ ފުރިހަމަ ކަމަށް މާކުސް ދިނުމުގައި ބަލާފައިވަނީ ކޮން އުޞޫލަކަށްކަން އެނގެން ނެތްކަމަށް އޭސީސީން ބުނެ އެވެ. އެގޮތުން އަގަށް މާކުސް ދިނުމުގައި ޢާންމު އުޞޫލާ ޚިލާފަށް އިވެލުއޭޝަން ކޮމިޓީގެ މެންބަރުން ހިތުހުރި ވަރަކަށް މާކުސް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.
އޭސީސީން ބުނީ، ށ.މިލަންދޫ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމަށް ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރުމުގައި ބައިވެރިވި އިވެލުއޭޝަން ކޮމިޓީގެ މެންބަރުން އަދި ށ. މިލަންދޫ އޮފީހުގެ އޭރުގެ ބޮޑުކަތީބު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ބެލެވޭވަރަށް ހެކި ލިބިފައިވާތީ، ޤާނޫނު ނަންބަރު 13/2008 (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނުނު) ގެ 25 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގެ ދަށުން މިމައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްވެ ބަޔާންކުރެވުނު ފަރާތްތަކުގެ މައްޗަށް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާކުރުމަށްޓަކައި މިމައްސަލަ ޕްރޮސިކިއުޓަރ ޖެނެރެލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.