ވޯލްޑް ޓްރެވަލް އެވޯޑްސްގައި މިއަހަރު ރާއްޖެއިން ރަން ވަނަ ތަކެއް ހޯދައިފި އެވެ.
ވިއެޓްނާމްގައި އާދިއްތަ ދުވަހު ބޭއްވި 24 ވަނަ ވޯލްޓް ޓްރެވަލް އެވޯޑް ހަފްލާގައި ރާއްޖެއާއި ރާއްޖޭގެ ވަކިވަކި ރިސޯޓުތަކުން ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ.
އެގޮތުން، ދުނިޔޭގެ ލީޑިންގ ޑައިވް ޑެސްޓިނޭޝަނުގެ އެވޯޑާއި، ދުނިޔޭގެ ލީޑިންގ ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއިން ވަނީ ހޯދާފަ އެވެ.
ދުނިޔޭގެ ލީޑިންގ އެއާޕޯޓް ރިސޯޓުގެ އެވޯޑް ލިބުނީ ހުޅުލޭ އައިލެންޑް ހޮޓަލަށެވެ.
ރާއްޖޭގެ ވަކިވަކި ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ސެއިންޓް ރީޖަސް މޯލްޑިވްސް ވޮއްމުލި މޯލްޑިވްސް އިންނެވެ. އެ ރިސޯޓުން ވަނީ ތިން އެވޯޑެއް ހޯދާފަ އެވެ.
އެގޮތުން، ދުނިޔޭގެ ލީޑިންގ ލަގްޒަރީ އައިލެންޑް ރިސޯޓުގެ އެވޯޑާއި، ދުނިޔޭގެ ލީޑިންގ ލަގްޒަރީ ނިއު ރިސޯޓުގެ އެވޯޑުގެ އިތުރުން ދުނިޔޭގެ ލީޑިންގ ރިސޯޓް ޑިޒައިންގ އެވޯޑް ލިބުނީ ވޮއްމުލި ރިސޯޓަށެވެ.
ރާއްޖޭގެ އެހެން ރިސޯޓުތަކަށް ލިބުނު އެވޯޑުތަކަށް ބަލާއިރު، ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑު ލިބުނީ ބަރޮސް މޯލްޑިވްސް އަށެވެ. ދުނިޔޭގެ ލީޑިންގ ވޯޓަރ ވިލާ ރިސޯޓުގެ އެވޯޑު ލިބުނީ ސަން އަކުއާ ވިލުރީފްއަށެވެ. ދުނިޔޭގެ އެންމެ ލީޑިންގ އަންޑަވޯޓާ ރެސްޓޯރެންޓުގެ އެވޯޑު ލިބުނީ އަނަންތަރަ ކިހާވަށް ރިސޯޓުގެ ސީ ރެސްޓޯރެންޓަށެވެ. ދުނިޔޭގެ ލީޑިންގ ޑައިވް ރިސޯޓުގެ އެވޯޑް ލިބުނީ ކޮންސްޓެންސް މޫފުށި ރިސޯޓަށެވެ.