ބްރޯޑްކާސްޓް ކުރުމުގެ ފްރީކުއެންސީ ލައިސަންސް ފީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ ދައްކަން އެޓޯލް ޓީވީ ހިންގާ ކުންފުނީގެ މައްޗަށް ހުކުމް ކޮށްފި އެވެ.
އެޓޯލް ޓީވީ ހިންގާ އެޓޯލް އިންވެސްޓްމަންޓްގެ މައްޗަށް އެ ހުކުމް ކޮށްފައިވަނީ 2014 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް ފްރީކުއެންސީ ލައިސަންސް ފީ ނުދައްކާތީވެ، އެ ފައިސާ ހޯދަން ބްރޯޑްކާސްޓިންގ ކޮމިޝަނުން ދައުވާ ކުރުމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުގައި، ތިން އަހަރު ދުވަހުގެ ލައިސަންސް ފީ އެޓޯލް އިންވެސްޓްމަންޓުން ދައްކާފައިނުވާކަމާއި ލައިސަންސް ފީގެ ގޮތުގައި 1.5 މިލިއަން ރުފިޔާ އަރާފައިވާކަން ސާބިތުވެއެވެ.
އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އެޓޯލް އިންވެސްޓްމަންޓްގެ މައްޗަށް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.
އެޓޯލް އިންވެސްޓްމަންޓުގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވާ ގޮތުގައި، ފައިސާ އެއްކޮށް ދައްކައި ނިމެންދެން، ޖޫރިމަނާގެ އަރާ ފައިސާއަކީ ވެސް އެ ކުންފުނިން ދައްކަންޖެހޭ ފައިސާ އެވެ.