ޕީޕީއެމްގެ މެނިފެސްޓޯގައި މަސްވެރިންނަށްޓަކައި ކުރުމަށް ނިންމާފައިވާ ކަންތައްތައް ނުވެހުރުމަކީ ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވުން ކަމަށާއި މަސްވެރިންނަށް ކޮށްދޭން ވެފައިވާ ވައުދުތައް އަވަހަށް ފުއްދައިދޭން ޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަސްވެރިންގެ ސިނާއަތަކީ ރާއްޖެއަށް ބޮޑު އާމްދަނީއެއް ލިބޭ އެއް ސިޔާއަތް ކަމަށްވާއިރު މިދާއިރާއަށް ޒުވާނުން އިތުރަށް ބޭނުންވެފައިވާ ކަމަށެވެ. ރާއްޖެ ކުރި އަރައިގެން ދިއުމުގައި ޒުވާނުންނަކީ ވަރަށް ބޮޑު ހިއްސާއެއްވާ ބައެއް ކަމަށާއި މި ސިނާއަތް ކުރި އެރުވުމަށްޓަކައި އަދިވެސް އެތައް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެ އެވެ.
މަސްވެރިން ބާނާ މަހަށް އެކަށީގެންވާ ރަނގަޅު އަގެއް ނުލިބުމާއި އެކަށީގެންވާ އިންތިޒާމުތަކެއް ސަރުކާރުން މަސްވެރިންނަށް ހަމަޖައްސައިދެއްވާފައި ނުވުމަކީ މަސްވެރިން އެންމެ ގިނައިން ކުރަމުންގެންދާ އެއް ޝަކުވާ ކަމަށް ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެ އެވެ.
ޕީޕީއެމް ސަރުކާރަށް އައީ މަސްވެރިންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިންޝިއުރެންސް ސްކީމެއް ތައާރަފް ކުރުމާއި މަސްވެރި ސަރަހައްދުތަކުގައި މަސްވެރިކަމުގެ ސިނާއަތަށް ހާއްސަ މެރީނާއެއް ތަރައްގީ ކުރުމުގެ އިތުރުން ދޯންޏާއި އިންޖީނު މަރާމާތުކުރެވޭ ވޯކްޝޮޕްގެ ޚިދުމަތާއި މަސްވެރިކަމުގެ އާލާތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުން ފަދަ ވައުދުތައް ވެގެން ކަމަށާ ނަމަވެސް އެވައުދުތައް ފުއްދޭ މަންޒަރު ނުފެންނަ ކަމަށްވެސް މިބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.