އޭނާއަކީ "ހުދުވަލުގެ ވެރިޔާ" ކަމަށާއި ކޮރަޕްޝަނުގެ ތުހުމަތެއް އުފެދޭ ވަރުގެ ކަމެއް ވެސް ކުރައްވާފައި ނުވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ހުންނެވިއިރު، 2015 ވަނަ އަހަރު ފާހަގަކުރި "މިނިވަން 50" އާ ގުޅިގެން ހިންގި ބައެއް މަޝްރޫއުތަކަށް ގާނޫނާއި ޚިލާފަަށް ފައިސާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ނެރުއްވި ހޯމް މިނިސްޓްރީގައި އޮޑިޓް ރިޕޯޓުގައިވެއެވެ. އެގޮތުން، މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ޚިލާފަށް "މިނިވަން 50" ގެ އެކި ހަރަކާތްތަކަށް 70 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.
އާދިއްތަ ދުވަހު އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓާއެކު އެކި ފަރާތްތަކުގެ ފާޑުކިޔުން އުމަރަށް އަމާޒުވެފައިވަނިކޮށް، ހޯމަ ދުވަހު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޭނާއަކީ "ހުދުވަލުގެ ވެރިޔާ" ކަމަށާއި ކޮރަޕްޝަނުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ. މީގެއިތުރުން، ކޮރަޕްޝަނުގެ ތުހުމަތެއް ކުރެވޭ ވަރުގެ ކަމެއް ވެސް ކުރައްވާފައިނުވާނެ ކަމަށާއި ކޮރަޕްޝަނުގެ ތުހުމަތުގެ އިނގިލި ދިއްކުމުގެ ޖާގައެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުގައި އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، "މިނިވަން 50" އާ ގުޅިގެން ހިންގި ހުރިހާ ހަރަކާތްތަކަށް ޚަރަދުކުރީ ރައީސް އަބްދުﷲ ޔާމީން އެކުލަވާލެއްވި މިނިސްޓަރުންގެ ކޮމެޓީއަކާއި އެކަމަށް ހާއްސަކޮށްގެން ރައީސް ޔާމީން އުފެއްދެވި އޮފީހެއްގެ ބެލުމުގެ ދަށުންނެވެ.
އުމަރު ވިދާޅުވީ "މިނިވަން 50 އޮފީސް" ގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފުންވެސް ތިބި ކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދިޔައީ ހާމަކަންބޮޑު ގޮތެއްގައި ކަމަށެވެ.
"މިނިވަން 50" ކޮމެޓީގެ ޗެއާމަންގެ މަގާމު އަދާކުރެއްވި އުމަރު ވިދާޅުވީ ހަރަކާތްތަކަށް ފައިސާ ޚަރަދުކުރީ ސީދާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށެވެ. އެގޮތުން، ވަކިވަކި ކަންތައްތަކަށް ޚަރަދުކުރުމަށް، ފިނޭންސް މިނިސްޓަރުގެ ހުއްދަ ވަކިވަކިން ލިޔުމުން ހޯދާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި، އިއުލާންކޮށްގެން ޚަރަދުތައް ކުރަން ފިނޭންސް މިނިސްޓްރީން ހާއްސަ ހުއްދައެއް ދީފައި އޮއްވައި، އެ ޚަރަދުތައް ކޮށްފައިވަނީ އެއާ މުޅިން ހިލާފަށެވެ. އެގޮތުން، އިއުލާން ނުކޮށް 63 މިލިއަން ރުފިޔާ މިނިވަން 50ގެ އެކިއެކި ކަންކަމަށް ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.
އެކަންތައްތައް އިތުރަށް ތަހުގީގު ކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ކަމާބެހޭ މުއައްސަސާތަކަށް ލަފާދެއްވާފައެވެ.
މިފަދަ އޮޑިޓް ރިޕޯޓެއް ނެރެފައިވާއިރު، މިދިޔަ އަހަރުގެ ޖޫން މަހު ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އުމަރު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ނިންމަވާފަ އެވެ. އެގޮތުން، އުމަރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.