ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދޭ ފަރުވާތަކުގެ ތެރެއިން، ތަހުލީލު މަރުހަލާގައިވާ ފަރުވާތައް ދިނުން މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ހުއްޓާލައިފި އެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ސަރވިސަސް އިން ފޯރުކޮށްދޭ ތެލެސީމިއާ ފަރުވާއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ތެލެސީމިއާ އިންޓަރނޭޝަނަލް ފެޑެރޭޝަން (ޓީއައިއެފް) އިން ތެލެސީމިއާ ފަރުވާގެ ގޮތުގައި ބޭނުން ކުރުމަށް އިރުޝާދު ދެއްވާފައިވާ ފަރުވާތަކެއް ކަމަށެވެ.
މީގެ އިތުރުން ބޭސް އުފައްދާފައިވާ އަސްލު މަގްސަދު ނޫން އެހެން މަގްސަދެެއްގައި ( އޮފްލޭބަލް) ބޭނުން ކުރެވޭ އަދި ތަހުލީލު މަރުހަލާގައިވާ ފަރުވާ ތަކަކީ ތެލެސީމިއާ ފަރާތްތަކަށް ބޭނުން ކުރުމަށް އެ ސަރވިސަސް އިން ބާރުއަޅާ ފަރުވާތަކެއް ނޫން ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ބުނެ އެވެ. މިފަދަ ފަރުވާތަކަކީ ތެލެސީމިއާ ޕޭޝަންޓުން ހޯދުމަށް އެ ސަރވިސަސް އިން ހިތްވަރުދޭ ފަރުވާތަކަކަށް ނުވާތީ، ބަލިމީހުންނަށް ލިބިދާނެ ގެއްލުމަށްޓަކައި މިފަދަ ފަރުވާތަކާއި ގުޅޭ އެއްވެސް ޚިދުމަތެއް ޑިސެމްބަރު 10 ވަނަ ދުވަހުން ފެށިގެން ފޯރުކޮށްދެވެން ނެތް ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ހާމަކޮށްފައިވެ އެވެ.