ސްޕޯޓްސް ކޮމިޝަނަރުގެ މަގާމުން އަހުމަދު ނަޝީދު(ޓީސީ ޑޭވް) އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަހުމަދު ނަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން ކަށަވަރުކޮށް ދެއްވާފަ އެވެ.
އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާއި ގުޅިގެން އެކަށީގެންވާ ވަރަށް ސްޕޯޓްސް ކޮމިޝަނަށް ވަގުތު ނުދެއްވޭތީ ކަމަށެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ނަޝީދު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު އެވެ. ނަޝީދުއަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން އައްޔަންކުރި ފުރަތަމަ ކޮމިޝަނަރ އޮފް ސްޕޯޓްސް އެވެ.
ކުޅިވަރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮމިޝަނަރ އޮފް ސްޕޯޓްސް އައްޔަންކުރާނީ ކުޅިވަރާ ބެހޭ މިނިސްޓަރާއި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް ހަތަރު އަހަރުގެ މުއްދަތަކަށް އައްޔަންކުރާއިރު އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއް ލިބެ އެވެ.
އެގޮތުން، ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރުދުންނާއި ކްލަބް ޖަމިއްޔާތަކާއި އެ ތަންތަނުގެ މެންބަރުންގެ ދަފްތަރު އޭގެ އެންމެ ފަހުގެ މައުލުމާތާއެކު ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމާއި، ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެ ފަރާތްތަކުގެ އަސާސީ އަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފަރާވެރިވެ ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަރަށް ލިބިފައިވެއެވެ.
ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނު ތަސްދީގުކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު އެވެ.