މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރަތު ކޯލީއާއި ބޮލީވުޑްގެ ތަރި އަނުޝްކާ ޝަރުމާ އާއި ދެމީހުން ކައިވެނިކޮށްފި ކަމަށް އަޑުތައް ފެތުރެން ފަށައިފިއެވެ.
މި ދެ މީހުން ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނީ މިދިޔަ ހަފްތާ ތެރޭގައެވެ. ނޫސްވެރިން ވަނީ އަނުޝްކާއާއި އޭނާގެ އާއިލާ އިޓަލީއަށް ދިއުމަށް މުމްބާއި އެއާޕޯޓުގެ ތެރޭގައި ތިއްބާ ފޮޓޯ ނަގާ އާންމު ކޮށްފައެވެ.
ކުޅިވަރުގެ ދާއިރާ ކަވަރު ކުރާ ނޫސްވެރިއެއް ކޮށްލި ޓްވީޓެއްގައި ބުނެފައިވަނީ އަނުޝްކާއާއި ވިރާތު ކައިވެނިކޮށްފައި ވާކަމަށެވެ. އޭނާގެ ޓްވީޓުގައި ވަނީ އެދެމީހުން ކައިވެނި ހަފްލާގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށްބުނެ އެފޮޓޯ ޓްވީޓާއެކު އެޓޭޗްކޮށްފައެވެ. އޭނާ ބުނާގޮތުން އެދެމީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.
އަދި ކައިވެނިކުރިކަން އަނުޝްކާއާއި ވިރާތު ވަރަށް އަވަހަށް އިއުލާން ކުރާނެކަމަށް އޭނާ ވަނީ ބުނެފައެވެ. ޚަބަރުތައް ބުނާގޮތުގައި މިކައިވެންޏަށް އެންމެ ފުރަތަމަވެސް ވިރާތު ދައުވަތު އެރުވީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އަދި ކްރިކެޓް ކުޅުންތެރިޔާ ޔޫވްރާޖް ސިންހްއެވެ. އަދޮ އަނުޝްކާ އޭނާގެ ކައިވެނީގެ ދައުވަތު އެންމެ ފުރަތަމަ ދިނީ ޝާހުރުޚް ޚާންއަށް ކަމަށް މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައެވެ.
ވިރާތާއި އަނުޝްކާ ލޯބީގެ ގޮތުން ރައްޓެހިވެގެން އުޅޭތާ މިހާރު ހަތަރު އަހަރު ވަނީ ވެފައެވެ. އެ ދެ މީހުން އެކުގައި ދިމާވީ މީގެ ހަތަރު އަހަރު އެކީގައި ކުޅުނު އިސްތިހާރަކުންނެވެ. ނަމަވެސް ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ދެ މީހުންގެ ގުޅުން ކެނޑިފައި ވެސް ވެއެވެ.
އަނުޝްކާ އާއި ވިރާތުގެ ކައިވެނީގެ ވާހަކަ ވިރާތުގެ ސްޕޯކްސްޕާސަން ވަނީ ދޮގުކޮށްފައެވެ. އެހެން ނަމަވެސް އޭނާ ބުނީ ވިރާތު ވަނީ މިހާރު ކުރިން ބިޒީކޮށް އުޅުމަށް ފަހު ބޮޑު ބްރޭކެއްގައި ކަމަށެވެ.
އެ ދެ މީހުން އެންގޭޖްވި ވާހަކަ މީޑިއާގައި މީގެ ކުރިން ދެކެވުމުން ވެސް އަނުޝްކާ އާއި ވިރާތު ވަނީ އެކަން ދޮގުކޮށްފައެވެ. އެހެން ނަމަވެސް ފަހުން އެ ދެ މީހުން ވަނީ އެއީ ތެދެއް ކަމަށް އެއްބަސްވެފައެވެ.