ތޫނު ހަތިޔާރު ބޭނުންކޮށްގެން ވ. ކެޔޮދޫ ދޭލިޔާގެ އުމުރުން 19 އަހަރުގެ މޫސާ އަހުމަދު މަނިކު މަރާލި މައްސަލައާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފި އެވެ.
މާފަންނު ދުނބުރިމިސްކިތް ކައިރީގައި ހުއްޓާ ތޫނު ހަތިޔާރު ބޭނުން ކޮށްގެން މޫސާ އަހުމަދަށް ހަމަލާދީ މަރާލާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ރޭގަ އެވެ.
އެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކުރި ފަސް މީހުންގެ ތެރެއިން އެކަކުގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ހަތަރު މީހުންގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަސް މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އެ މީހުން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މޫސާ އަހުމަދު މަރާލާފައިވަނީ މާލޭގެ ދެ ގްރޫޕެއްގެ މެދުގައި ސިލްސިލާކޮށް ހިނގަމުންދިޔަ މާރާމާރީތަކުގެ ތެރެއިންނެވެ.
މޫސާ އަހުމަދު މަރާލުމުގެ ކުރިން، ޖުލައި މަހުގެ ތެރޭގައި މާލޭގައި ދެ ޒުވާނަކު މަރާލާފައިވެއެވެ. އެގޮތުން ކެފޭއެއްގެ ތެރޭގައި ހުއްޓާ ހއ. ތަކަންދޫ އިބްރާހިމީ ހިޔާ އުމުރުން 24 އަހަރުގެ ނަދީމް އަބުދުއްރަހީމް މަރާލިއިރު، ލިޓަސް ސަރވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް މަރާލާފައިވެއެވެ.
އަނަސްއާއި ނަދީމްގެ މަރުގެ މައްސަލައިގައި ބައެއްގެ މައްޗަށް ދައުވާކޮށް، މިހާރު ވަނީ ޝަރީއަތް ފަށާފަ އެވެ.
މޫސާ އަހުމަދު މަރާލިތާ ގިނަ ދުވަސްތަކެއް ނުވަނީސް، ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގައިވެސް ޒުވާނަކު މަރާލާފައިވެއެވެ. އެގޮތުން ތޫނު ހަތިޔާރުން ހަމަލާދީގެން މަރާލާފައިވަނީ ގއ. ދާންދޫ ގޮލްޑްލީފް ހާރިސް އަބްދުލްޣަފޫރު އެވެ.