ރެމޯ ޑިސޫޒާ ޑައިރެކްޓްކުރާ ރޭސް ފްރަންޗައިޒްގެ އެންމެ ފަހުގެ ފިލްމު ރޭސް3 އިން ސަލްމާންޚާންގެ ބައްޕަގެ ރޯލުން ފެނިގެންދާނީ އަނިލް ކަޕޫރު ކަމަށް ސަލްމާން ޚާން ބުނެފިއެވެ.
ރޭސް3 އިން ސަލްމާންގެ ބައްޕަގެ ރޯލުން އަނިލް ފެންނައިރު، އަނިލް ސަލްމާނަށް ވުރެ 9 އަހަރު ދޮށްޓެވެ. ރޭސް3 ގެ ޝޫޓިން މިހާރު ފަށާފައިވާއިރު އަނިލް ކަޕޫރު މި ފިލްމާއި ގުޅުމުން ރޭސްގެ ހުރިހާ ފިލްމަކުން ފެނިގެން ދާނެ ހަމައެކަނި ތަރިއަށް އޭނާ ވާނެއެވެ. މީގެ ކުރިން އަޑުތައް ފެތުރިފައިވަނީ އަމީތާބް ބައްޗަން މި ފިލްމުން ފެނިގެން ދާނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި އަމީތާބް މި ފިލްމުން ފެނިގެން ނުދާނެއެވެ. އަދި ފިލްމުގެ ޝޫޓިން އާއި ވަރަށް އަވަހަށް އަނިލް ކަޕޫރު ގުޅޭނެކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
ރޭސް 3ގެ ލީޑް ރޯލުން ފެނިގެން ދަނީ ސަލްމާން ޚާންގެ އިތުރުން ޖެކޮލިން ފެނާންޑޭޒް އެވެ. މީގެ އިތުރުން ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހްގެ އެކްޓިން ފެނިގެންދާނެއެވެ.
ރެމޯ ޑި ސޫޒާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމުގެ ޝޫޓިން ފެށުމަށްޓަކައި ރޭމޯ ވަނީ އޭނާގެ ޓީވީ ޝޯ ކަމަށްވާ ޑާންސް ޗެމްޕިއަންސްގެ ޝޫޓިން ވެސް ފަސްކޮށްފައެވެ.
ރޭސް3 އަކަށް މީގެ ކުރިން ވަނީ ސައިފް އަލީ ޚާން އާއި ޝާހުރުކް ޚާން އަށް ލީޑް ރޯލު ކުޅުމަށް ފުރުސަތު ދީފައެވެ. އެހެން ނަމަވެސް އެދެ އެކްޓަރުން ވަނީ "ރޭސް 3" ކުޅުމާއި ދެކޮޅު ހަދާފައެވެ. އެހެން ކަމުން ރޭސް2 އިން ލީޑް ރޯލުން ފެނިގެންދާ ސައިފް އަލީ ޚާން ގެ ބަދަލުގައި މި ފިލްމުން ފެނިގެންދާނީ ސަލްމާން ޚާންއެވެ.
ރޭސް ގެ ފުރަތަމަ ފިލްމު ނެރެފައި ވަނީ 2008 ވަނަ އަހަރުގައެވެ. އަދި ދެ ވަނަ ފިލްމު ރޭސް 2 ބެލުންތެރިންނާއި ހަމައަށް އައިސްފައި ވަނީ 2013 ވަނަ އަހަރުގައެވެ.