މިހާރު ރާއްޖޭގައި އޮތް ހިއުމަން ރައިޓްސް ކޮމިޝަނަކީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ކޮމިޝަނެއް ނޫން ކަމަށާއި ހަމައެކަނި މުސާރަ ހޯދަން އޮތް ކޮމިޝަނެއް ކަމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން އާދީއްތަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި ޝިފާޒް ވިދާޅުވީ ރާއްޖޭގައި އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމުގެ ކޮމިޝަނެއް އޮންނަން ޖެހޭކަން އެނގިގެން ދިޔައީ ކުރީގެ ޤާނޫން އަސާސީ އިސްލާހު ކުރެވިގެން ދިޔަ ދުވަސްވަރު ކަމަށާއި ފަހުން އެކުލަވާލި ޤާނޫން އަސާސީން އެކަމަށް ޤާނޫންތަކެއް ހެދި އެކޮމިޝަން އުފެއްދި ކަމަށެވެ. އެކޮމިޝަން އެކުލަވައިލާ އެކޮމިޝަންގައި ތިއްބަވާ ބޭފުޅުންނަށް ރަނގަޅު މުސާރައެއް ދޭގޮތަށް ކަނޑައެޅީ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ މަތިވެރި ބޭނުމުގައި ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ފޮނި މީރުކަންވެސް ލިބިގެން ދިޔަކަމަށް ވެސް ޝިފާޒް ވިދާޅުވިއެވެ.
"ރާއްޖޭގެ ޖަލުތަކުގައި ކުރެވެމުންދިޔަ އަނިޔާތައް ފެންނަމުން ދިޔައީ. އެކަންކަމުގެ ވާހަކަ ރައްޔިތުން ދައްކަން ފެށީމާ ފިޔަވަޅު އެޅިގެން ދިޔަ. ކޮމިޝަން އުފެއްދުމުން އެކަމުގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބެމުން ދިޔައީ" ޝިފާޒް ވިދާޅުވިއެވެ.
ނަމަވެސް ޝިފާޒް ވިދާޅުވީ އިންސާނީ ހައްޤުތައް ހިމާޔަތް ކުރުމަށް ރާއްޖޭގައި އުފެދިފައިވާ ކޮމިޝަނެއް އޮތްތަން މިހާރު ނުފެންނަ ކަމަށާއި މިހާރު މިއޮތީ އިންސާނީ ޙައްޤުތައް ހިމާޔަތް ކުރާ ކޮމިޝަނެއް ނޫން ކަމަށެވެ.
ޝިފާޒް ވިދާޅުވި ގޮތުގައި ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމާއެކު ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި އުފެދުނު ބިރުވެރިކަން ވަރަށް ބޮޑު ކަމަށާއި މަގުމަތިން އެތައް އެތައް ޒުވާނުންނަކާއި އެތައް ދުވަސްވީ މީހުންނެއް ޤަތުލު ކުރެވިއްޖެ ކަމަށެވެ. އެކަމަކު އެކޮމިޝަނުން އެކަންކަމާމެދު ބަހެއް ބުނިތަން ނުފެންނަ ކަމަށާއި އެކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް ގޮވާލި ގޮވާލުމެއް ނުފެންނަ ކަމަށް ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް މިއަދު ގެއްލިފައިވާ އެންމެބޮޑު އިންސާނީ ހައްޤަކީ ރާއްޖޭގައި އިންސާފް ނުލިބުން ކަމަށާއި އެއިންސާފް ނުލިބޭކަން ރާއްޖޭގެ ރައްޔިތުންގެ އިތުރުން މުޅި ދުނިޔެވެސް ޤަބޫލު ކުރާކަމަށެވެ.
އެއިންސާފް ހޯދައި ނުދެވި ވާތީ އެތައް ބަޔަކު އެތައް މައްސަލައެއް، އެތައް ސިޓީއެއްވެސް ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅައިފި ކަމަށާއި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީއަކީ އެކޮމިޝަނަށް އެފަދަ އެތައް މައްސަލައެއް ހުށަހަޅައި އަދި އެކޮމިޝަންގެ މެންބަރުންނާ ބައްދަލުކުރި ޕާޓީއެއް ކަމަށް އެޕާޓީގެ ނައިބު ރައީސް ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ މިހާރު މިއޮތް ކޮމިޝަނުން ހަމައެކަނި ކުރާ ކަމަކީ އެކޮމިޝަންގެ މުސާރަ ލިބޭތޯ ކަށަވަރު ކުރުން ކަމަށާއި އެކަމަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން ކުރާ ގޯސް ކަންކަން ފޮރުވައި އެކަންކަމަށް އަޅާ ނުލައި ތިބުން ކަމަށެވެ.