ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށްގެން ހަދަމުން އަންނަ "ނޭޝަނަލް ހިއުމަން ރައިސްޓްސް އެކްޝަން ޕެލޭން" ގެ ސަބަބުން އިންސާނީ ޙައްގުތަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ޒެނީޝާ ވިދާޅުވީ ނެޝަނަލް ހިއުމަން ރައިޓްސް އެކްޝަން ޕްލޭނުގައި އިޖުތިމާއީ، އިގްތިސާދީ، ސަގާފީ، މަދަނީ އަދި ސިޔާސީ ޙައްގުތައް ކުރިއެރުވުމަށް 14 ދާއިރާއެއް ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި މިހާރު ވެސް ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޒެނީޝާ ވިދާޅުވިއެވެ.
މި ޖަލްސާގައި ވަނީ އެޗްއާރްސީއެމް އަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިން 30 ފަރާތެއްގެ އަގު ވަޒަންކޮށްފައެވެ. އެ ފަރާތްތަކާ ހަނދާނީލިޔުން ހަވާލުކޮށް ދެއްވީ މިނިސްޓަރު ޒެނީޝާ އެވެ. އެ ފަރާތްތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ވަކިވަކި ފަރުދުން ހިމެނެއެވެ.