ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ދުވަސް މުޅި ދުނިޔޭގައި މިއަދު ފާހަގަ ކުރަމުން އަންނައިރު، ދިވެހިންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސަރުކާރާއި ދައުލަތުގެ މުވައްސަސާތައް އަތްގުޅުވައިގެން ރައްޔިތުން އެތައް ގުރުބާނީތަކެއްވެ ހޯދި ޙައްޤުތައް މުށުތެރެއަށްލައި ރައްޔިތުން ބިކަކުރުން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން އާދީއްތަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ޤަރާރު ފާސްކުރިތާ މިއަދަށް 69 އަހަރުފުރޭއިރު، އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށް މިއަދު ފާހަގަ ކުރަމުން އަންނަ ބައިނަލްއަޤްވަމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ ތަޙްނިޔާ އެޕާޓީގެ ފަރާތުން އަރިސްކުރާ ކަމަށެވެ. އަދި އިންސާނީ ޙައްޤުތައް ހިމާޔަތްކޮށް ކަށަވަރުކުރުމަށް ދިވެހިރާއްޖެއަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް ނައްތާލައި އެ ޙައްޤުތަކުން ރައްޔިތުން މަޙްރޫމްކުރަމުން ގެންދިއުން ހުއްޓާލައި އިންސާނީ ޙައްޤުތަކަށް ފާޅުގައާއި ސިއްރުގައި އަރައިގަންނަމުންދާ ފަރާތްތަކުން އެ ނާތަހުޒީބީ ގޮތް ދޫކޮށްލުމަށް އެޕާޓީން ވަނީ ގޮވައިލާފައެވެ.
މީގެ އިތުރުން މީހުން މެރުމާއި، ނަސްލީ ތަފާތުކުރުމާއި، އެއްވެސް މިންވަރަކަށް އިންސާފު ނުލިބުމާއި، ވީނުވީއެއް ނޭނގި ޖަލުތަކުގައި މީހުން މަރުވުން މިއަދު ދިވެހިރާޢްޖޭގައި އިތުރުވަމުންދާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ، މީޑިޔާގެ މިނިވަންކަން ނެތިކޮށްލުމާއި، ދިރިހުރުމުގެ ޙައްޤު ގެއްލެމުންދާއިރު އެކަންކަން ދިފާޢުކުރުމަށް ޤަނޫނު އަސާސީން އުފަންކުރުވި މުވައްސަސާތައް ވަނީ ވަކި މީހެއްގެ ވެރިކަން ދިފާޢުކުރާ ތަންތަނަށް ބަދަލުވެފައި ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
" ޤައުމެއްގެ ޙަޤީޤީ ރޫޙު ފެންނަނީ ދައުލަތުން ރައްޔިތުންނާއި، ވަކިން ޙާއްސަކޮށް މައިނޯރިޓީ ގްރޫޕްތަކާމެދު ޢަމަލުކުރާ ގޮތްތަކުންކަމަށްވީހިނދު ތަކުރާރުކޮށް ފެންނަނީ ދިވެހިރާއްޖޭގައި ބިދޭސީންނަށް ކުރާ އަނިޔާތައް އިތުރުވެ، އެމީހުންގެ ޙައްޤުތަކަށް އަރައިގަނެ، ދައުލަތުގެ ސިޔާސަތުތަކުގެ ތެރެއިންވެސް ތަފާތުކުރުން އިތުރުވަމުން އަންނަ ކަމަށް" އެމްޑީޕީގެ ބަޔާނުގައި ބުނެފައެވެ.
މީގެ އިތުރުން އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ މިފެށޭ އައު އަހަރު އެއްކޮށް ބައިނަލްއަޤުވާމީ ގޮތުން ޚާއްޞަކުރެވޭނީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާޙަދާ އެކުލަވާލިތާ 70 އަހަރު ފުރުމަށް ކަމަށްވާއިރު، 2018 ވަނަ އަހަރަކީ ދިވެހިންނަށްވެސް މުހިއްމު އަހަރެއް ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ ނެތިކޮށްލަމުން އަންނަ ސަރުކާރު ބަދަލުކުރުމަށް ރައްޔިތުންނަށް އެންމެ ބޮޑު ފުރުޞަތުވެސް ލިބިގެންދާނެ އަހަރު ކަމަށާއި ރައްޔިތުންގެ ސިޔާސީ ޙައްޤުތައް ހިމާޔަތްކުރުމާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރުމުގައި އެމްޑީޕީން ސާބިތުކަމާއެކު ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާކަމަށް އެޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.