ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު، ގިނަ ބައެއްގެ އަސާސީ ޙައްޤުތައް ނިގުޅައިގެންފައިވުމަކީ މަޢާފުކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ އިންސާނީ ޙައްޤުތަކުގެ ދުވަހާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެންމެ އަސާސީ، އިންސާނީ ޙައްޤުތަކުން މަޙުރޫމުވެފައިވާ ކަމަށެވެ. އަދި ކުރިއެރުމާއި ތަރައްޤީ ހޯދޭނީ މުޖުތަމަޢުގެ އެންމެންނަށްވެސް އެމީހެއްގެ ޙައްޤުތައް އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުވެގެން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަހާއި ގުޅުވައިގެން އެޗްއާރުސީއެމްގެ ރައީސާ އައިމިނަތު އީނާސް ދެއްވި ހިޠާބުގައި، އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު މި އަހަރަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވާ، ދެމެހެއްޓުމަށް ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ޤާނޫނުތައް ފާސްވެ މި އަހަރު އަމަލުކުރަން ފަށާފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.