ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 17:56
ބަޔާންއާއި އެއިންޓްރެކްޓް ފްރެންކްފާޓް ކުޅުނު މެޗުގެ ތެރެއިން
ބަޔާންއާއި އެއިންޓްރެކްޓް ފްރެންކްފާޓް ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ބުންޑެސްލީގާ
ބުންޑެސްލީގާ: ބަޔާން މޮޅުވިއިރު ޑޯޓްމަންޑް ބަލިވެއްޖެ
އެއިންޓްރެކްޓް ފްރެންކްފާޓްގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވެފައިވަނީ 1-0 ގެ ހަނި ނަތީޖާއަކުން
ބޮރޫޝިއާ ޑޯޓްމަންޑްވަނީ އަމިއްލަ ދަނޑުގައި ވާޑާ ބްރޭމަންއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވެފަ

ޖަރުމަނު ބުންޑެސްލީގާގައި ބަޔާން މިއުނިކް ކުޅުނު މެޗުން އެ ޓީމު މޮޅުވިއިރު ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން އެ ޓީމު ބަލިވެއްޖެއެވެ.

އެއިންޓްރެކްޓް ފްރެންކްފާޓްގެ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވެފައިވަނީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމުން ވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. ފްރެންކްފާޓްއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ހިފިފައި ނުވާއިރު ބަޔާން މި މެޗުން މޮޅުވި އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެންނެވެ.

އެގޮތުން މެޗުގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް ތަނަވަސް ކޮށްދިން ފުރުސަތަކުން އެ ޓީމަށް ޖަހައިދިނީ ޗިލީގެ މިޑްފީލްޑަރު އަރުތޫރޯ ވިދާލްއެވެ. މި ލަނޑަށް ފަހު އެއިންޓްރެކްޓް ފްރެންކްފާޓްއިން ވަނީ ކުރިޔަށް ޖެހި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ.

މި ސީޒަނުގެ ކުރީކޮޅު ރަނގަޅު ނަތީޖާތަކެއް ހޯދި ބޮރޫޝިއާ ޑޯޓްމަންޑްވަނީ އަމިއްލަ ދަނޑުގައި ވާޑާ ބްރޭމަންއާ ދެކޮޅަށް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. މި މެޗުގެ 26 ވަނަ މިނެޓުގައި ބްރޭމަންގެ މެކްސިމިލިއަން އޮގަސްޓިން އެ ޓީމަށް ލީޑު ނަގައިދިންއިރު މެޗުގެ 57 ވަނަ މިނެޓުގައި ލަނޑެއް ޖަހައިދީ ޑޯޓްމަންޑްގެ ގެބޯން ފޯވާޑް ޕިއާ އެމެރިކް އޮބަމަޔާން ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި މެޗުން ބްރޭމަންއަށް ތިން ޕޮއިންޓް ލިބިގެން ދިޔައީ މެޗުގެ 65 ވަނަ މިނެޓުގައި ތިއޮޑޯ ގެބްރެސަލާސީ އެ ޓީމަށް ޖަހައިދިން ލަނޑުންނެވެ.

އާރްބީ ލީޕްޒީގް ވެސް ވަނީ އަމިއްލަ ދަނޑުގައި މެއިންޒްއާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް ތާވަލުގެ ކުރިޔަށް ޖެހިލާފައެވެ. މި މެޗުގައި ލީޕްޒީގްގެ ލަނޑުތައް ޖަހައިދިނީ ކެވިން ކެމްޕެލްއާއި ޓީމޯ ވާނާއެވެ. ހަމައެހެންމެ މެއިންޒްގެ ލަނޑުތައް އެ ޓީމަށް ޖަހައިދިނީ ރޮބިން ގިއާސަންއާއި އެމިލް ބާގްރީންއެވެ.

ބުންޑެސްލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ބަޔާ ލެވަކޫސެން ވަނީ ރަށުން ބޭރުގައި 2-0 ގެ ނަތީޖާއަކުން ވީއެފްބީ ސްޓުޓްގާޓް ބަލިކޮށްފައެވެ. ވޮލްފްސްބާގާއި ހެމްބާގް ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު ބޮރޫޝިއާ މޮންޗެންގްލެޑްބެކް އާއި ޝާލްކޭ ކުޅުނު މެޗުވެސް ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ބުންޑެސްލީގާގެ ޕޮއިންޓް ތާވަލަށް ބަލާލާއިރު އެއްވަނައިގައި 35 ޕޮއިންޓާއެކު އޮތީ ބަޔާން މިއުނިކްއެވެ. ދެވަނައިގައި 27 ޕޮއިންޓާއެކު އޮތީ ލީޕްޒީގް އޮތްއިރު ތިންވަނައިގައި 26 ޕޮއިންޓާއެކު އޮތީ ޝާލްކޭއެވެ. ހަތަރު ވަނައިގައި 25 ޕޮއިންޓާއެކު އޮތީ ގްލެޑްބެކްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް