ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން އޮކިގެ ސަބަބުން ބޭރުގެ ގިނަ އަދަދެއްގެ އުޅަނދު ފަހަރު، ދިވެހިރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހާލުގައިޖެހި އޮޔާދާކަމުގެ މައުލޫމާތުތައް ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން ބުނީ، މިދުވަސްވަރަކީ ތޫފާން އޮކި އާއި ގުޅިގެން ގިނަ އަދަދަކަށް ލަކުޑި ފަދަ ތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާދާ ދުވަސް ވަރެއް ކަމަށެވެ. އަދި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.
ރާއްޖޭގެ އުތުރާއި ހުޅަނގު އުތުރުން ސްރީލަންކާގެ 30 މަސްބޯޓެއް އޮޔާދާކަމުގެ މައުލޫމާތު، ސްރީލަންކާގެ އެމްބަސީއިން ދީފައިވާ ކަމަށް ވެސް އެމްއެންޑިއެފް އިން ބުނެ އެވެ. މީގެ އިތުރުން އިންޑިޔާގެ 37 އުޅަނދެއް އޮޔަދާކަމުގެ މައުލޫމާތު އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން ލިބިފައިވާ ކަމަށް ވެސް އެ އިދާރާއިން ހާމަކުރެ އެވެ.
ހާލުގައި ޖެހިފައިވާ އުޅަނދެއް ފެނިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުމަށް ވެސް އެއިދާރާއިން ހާމަކުރެ އެވެ.