ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާގެ މައްސަލައާ ގުޅިގެން ދައުލަތާއި ދެކޮޅަށް ކުރެއްވި ދައުވާގެ އަޑުއެހުމަށް، ދައުލަތުން އެމަނިކުފާނު ހާޒިރުކޮށް ނުދިނުމުން އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމުގެ އަމުރަކަށް އެދި އަދީބުގެ ދައުވާ ކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ދިވެހި ދައުލަތުގެ މައްޗަށެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ސިވިލް ކޯޓުގައި ތާވަލުކުރި ނަމަވެސް، ދައުލަތުން އަދީބު ހާޒިރުކޮށް ނުދިނުމުން އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
ސިވިލް ކޯޓުން މައުލޫމާތުދިން ގޮތުގައި، އަޑުއެހުމަށް އަދީބު ހާޒިރުކޮށްދިނުމަށް އެދި ޗިޓު ފޮނުވީ ކަރެކްޝަނަށެވެ. ނަމަވެސް، އަޑުއެހުން ތާވަލުކޮށްފައިވާ ގަޑި ފަހަނައަޅައިދިޔައިރުވެސް ކަރެކްޝަނުން އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ކޯޓުން މައުލޫމާތުދެ އެވެ.
އަދީބު ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރު ކަރެކްޝަނަށް ފޮނުވިއިރު، މިއަހަރުގެ މާޗް މަހުން ފެށިގެން އަދީބު ހުންނަވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ހުކުމް ތަންފީޒު ކުރަމުންދާ އެހެން ގައިދީން ކަރެކްޝަނުން ބަލަހައްޓާ ޖަލުތަކުގައި ބަންދުކުރި ނަމަވެސް، އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލު ކުރީ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ކަމަށް ބުނެ ހޯމް މިނިސްޓަރުގެ އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނާ ގޮތުގައި، އެ މުއައްސަސާއިން ބަލަހައްޓަމުންދަނީ އަދީބުގެ ސަލާމަތީ ކަންކަމެވެ. އަދީބުގެ ބޭސްފަރުވާގެ ކަންކަން ބަލަހައްޓަމުންދަނީ ކަރެކްޝަނުންނެވެ.
Adeeb ge beysfaruva ge mahsala civil court ga registry kohdhen 4 mas. Eha dhuvas kohfa registry kohdhevun iru adu ehumah chit fonuveema dhaulathun Adeeb court ah haaziru koh dheefa eh nuvey. Dhaulathun ulheni Adeeb maraalan. Beysfaruva ge haggun mahroom kurane e sababahtaka.
— Moosa Siraj (@MoosesSiraj) December 10, 2017
އަޑުއެހުން ކެންސަލް ކުރުމާއި ގުޅިގެން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޭސްފަރުވާގެ މައްސަލަ ސިވިލް ކޯޓުގައި ރަޖިސްޓްރީ ކޮށްދޭން ހަތަރު މަސް ނެގި ކަމަށާއި އެހާ ދުވަސް ފަހުން އަޑުއެހުމަކަށް ޗިޓް ފޮނުވުމުން ދައުލަތުން އަދީބު ކޯޓަށް ހާޒިރުކޮށް ނުދިން ކަމަށެވެ.
ސިރާޖު ވިދާޅުވި ގޮތުގައި ބޭސްފަރުވާގެ ހައްގުން އަދީބު މަހުރޫމުކޮށް، ދައުލަތުން އުޅެނީ އަދީބު އަވަހާރަކޮށްލާށެވެ.
Beysfaruvage zinma nagaane faraatheh nethumun eh haqqu hoadhan court ah hushahelhumun, court ah haaziru kuran zinma nagaane faraatheh ves nei.
— Nash (@maryam_nashwa) December 10, 2017
Adeeb ge beysfaruvaage zinma nagaane faraatheh nethiya Aailaa aa havaalu koh dhehvaa!!!!
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ކޯޓަށް މައްސަލަ ހުށަހެޅީ ބޭސްފަރުވާގެ ޒިންމާ ނަގާނެ ފަރާތެއް ނެތުމުން އެ ހައްގު ހޯދާށެވެ. އެހެންނަމަވެސް، ކޯޓަށް ހާޒިރުކުރަން ޒިންމާ ނަގާނެ ފަރާތެއްވެސް ނެތް ކަމަށް ނަޝްވާ ވިދާޅުވެފައިވެއެވެ.
ނަޝްވާ ވަނީ، އަދީބުގެ ބޭސްފަރުވާގެ ޒިންމާ ނަގާނެ ފަރާތެއް ނެތްނަމަ އާއިލާއާ ހަވާލުކޮށް ދިނުމަށް ގޮވާލައްވާފައެވެ.
އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލަކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.
މެއި މަހުގެ ތެރޭގައި އެ މައްސަލަ ވަނީ އެޗްއާރްސީއެމަށް ވެސް ހުށަހަޅާފަ އެވެ. އަދީބުގެ އާއިލާއިން އެޗްއާރްސީއެމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެކަމުގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލު ކަމަށް އެކަަންކަން ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައިނުވާ ކަމަށެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް، ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ އަދީބު ފިއްލަވާފާނެ ކަމަށް ބުނެ ސަރުކާރުން ވަނީ ރާއްޖެއިން ބޭރަށް އަދީބު ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފަ އެވެ. ސަރުކާރުން ބުނަމުންދަނީ، އަދީބު ފިއްލަވައިފިނަމަ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ދައުލަތުން އަދީބު ނެންގެވި ހުރިހާ ފައިސާއެއް އަނބުރާ ދެއްކެވުމަށް ފަހު، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވަންވީ ކަމަށެވެ.