ސަރުކާރާ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުން ގުޅިގެން އެއް ކެންޑިޑޭޓެއް ނުނެރެވިއްޖެ ނަމަ އަދާލަތު ޕާޓީން ވެސް ކެންޑިޑޭޓެއް ނެރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފ.މަގޫދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އަދާލަތުން ކެންޑިޑޭޓެއް ނެރޭނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމުކުރުމަށް އެއް ކެންޑިޑޭޓެއް ނެރުމުގެ ނަސީބު ނުލިބިއްޖެ ކަމަށްވާނަމަ ކަމަށެވެ.
"އަޅުގަނޑުމެނަށް އެފަދަ ނަސީބެއް ނުލިބިއްޖެ ކަމަށްވާނަމަ އިރާދަ ކުރެއްވިއްޔާ އަދާލަތު ޕާޓީގެ ފަރާތުން ވެސް މި ދިވެހި ގައުމާއި އިސްލާމް ދީނާއި އަދި ދިވެހި ރާއްޖޭގެ ސުލްހަ މަސަލަސްކަން ދަމަހައްޓާނެ ކެންޑިޑޭޓެއް އިރާދަ ކުރެއްވިއްޔާ ހުރުމަކީ މިހާރު އަޅުގަނޑުމެން ކުރަމުންދާ މަސައްކަތެއް. އެހެންވީމަ އެކަން ހަމަ ތިބޭފުޅުންނާ ހިއްސާކޮށްލަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދާލަތު ޕާޓީން ކެންޑިޑޭޓަކު ނެރުމަކީ އެންމެ އިސްކަންދޭ ކަންތައް ނޫން ކަމަށާއި އެންމެ އިސްކަންދެނީ ހުރިހާ ފަރާތްތައް ގުޅިގެން ކެންޑިޑޭޓަކު ނެރުމަށް ކަމަށެވެ.
ގުޅިގެން މަސައްކަތްކުރި ނަމަވެސް ކޮންމެ ޕާޓީއަކީ ވަކި ޕާޓީއެއް ކަމަށް ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ ހުރިހާ ޕާޓީތައް އެއްކޮން މަސައްކަތް ނުކުރެވޭ ހާލެއް އައި ނަމަވެސް ރައީސް ޔާމިން ބަލި ކުރެވޭނެ ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް އަދާލަތުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.
ގައުމުގެ ބައިތުލްމާލަށް އިހްމާލުވެ "އެގޮތް މިގޮތަށް ކައިހުސްކޮށްފި"ކަމަށާއި އަދި ރައްޔިތުންގެ ނަމުގައި ދަނީ އެތައް ބައިވަރު ލޯނުތަކެއް ނަގަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ސަރުކާރަކަށް ވެސް ގައުމު ނުހިންގޭނެ ވަރަށް ގައުމުގެ މާލީ ހާލަތު ގެންގޮސްފައިވާ ކަމަށްވިދާޅުވެ ޗައިނާ އާއި ރާއްޖެއާ ދެމެދުވެފައިވާ ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.
"އަދި ދެންވެސް ވައްކަން ކުރުމުގެ ގޮތުން ފައިސާ ހޯދުމަށް ހިންގޭ އަމަލެއްގެ ގޮތުގައި. އެހެން ނަމަވެސް މީގެ ނަތީޖާއަކީ ރާއްޖޭގެ އިސްތިގުލާލު ގެއްލިގެން ދިއުން. އަޅުގަނޑުމެންގެ މި ރާއްޖެ ބައިވެރިވާ އިންޑިޔާ ކަނޑުގެ ސުލްހަ މަސަލަސްކަން ނަގާލަން ދޮރޮހުޅުވާލުން"
އަލީ ޒާހިރު ވިދާޅުވީ ގައުމުގެ އިސްތިގުލާލަށް އަސަރުކުރާފަދަ ބޮޑެތި ނިންމުންތައް ނިންމާއިރު އެކަމާ ދެކޮޅަށް ބަސްބުނަން އޮތް ރައްޔިތުންގެ މަޖިލިސްވެސް އޮތީ ވަކި ބަޔަކު ހިސޯރުކޮށްފައި ކަމަށެވެ. އަދި މި ގައުމު ސަލާމަތްކުރުމަށް ދިވެހި ސިފައިންނާއި ފުލުހުންވެސް މަސައްކަތް ކުރަމުންދާތަން ނުފެންނަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އޭނާ ގަބޫލުކުރާ ގޮތުގައި އެކަންކަމާ ދެކޮޅު ނަހަދާ ތިބުމަކީ އެކަމުގައި ބައިވެރިވުން ކަމަށް ވެސް ވިދާޅުވި އެވެ.