ޚިޔާލު ތަފާތުވެ ފިކުރު އެއްގޮތްނުވުމަކީ ސަރަހައްދީ ގޮތުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އޮތް ހުރަހެއް ކަމުގައި ނުހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
ސަރަހައްގީ ގައުމުތައް ބައިވެރިވާ ސައުތު އޭޝިއަން އެސޯސިއޭޝަބް ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ 33 ވަނަ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވާ ގޮތުގައި މި ސަރަހައްދަކީ ފެތުރިފައިވާ ބައިބޯ އާބާދީއެއް ހިމެނޭ ސަރަހައްދެއް ކަމަށާއި މިސަރަހައްދަކީ ދިރިއުޅުމުގެ ވައްޓަފާޅި އާއި ސަޤާފީގޮތުން ތަފާތުތަކެއް ހިމެނޭ ބަޔަކު ދިރިއުޅޭ ސަރަހައްދެއް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ފަހަކަށް އައިސް ސާކް ސަރަހައްދުގައި ސިޔާސީ ހަމަނުޖެހުންތައް އިތުރުވެފައިވީ ނަމަވެސް ލިބެމުންދާ ފަހި ފުރުޞަތުތަކުގެ ތެރެއިން ސާކްގެ ޤައުމުތައް ކުރިއެރުންތައް ހޯދަމުންދާ ކަމަށް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
މިސަރަހައްދުގެ ތަޢުލީމީ ޤާބިލްކަން އިތުރު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނުގެ މެސެޖުގައި، ފެންވަރު ރަނގަޅު ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދިނުމަކީ ފަޤީރުކަން ނައްތާލުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް ލިބިގެންދާނެ އެހީތެރިކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.
ހަމައެހެންމެ 2030 ގެ އެޖެންޑާގައި ހިމެނޭ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި އެއްވެސް ކުއްޖަކު ބާކީނުވާ ގޮތަށް ޒަމާނީ ވަސީލަތްތަކާއެކު ތަޢުލީމީ ޤާބިލުކަން އިތުރުކޮށް ފެންވަރު ރަނގަޅު ތަޢުލީމެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ވަަރށް މުހިންމު ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސާކް ސަރަހައްދުގެ ޤައުމުތަކަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކާއި، ޓެރަރިޒަމްގެ ނުރައްކަލާއި ޤުދުރަތީ ކާރިސާތައް ފަދަ ދުނިޔޭގެ ކަންކޮޅުތަކަށް އަންނަ ނުރައްކާތަކާ ކުރިމަތިލާން ނުޖެހޭ ސސަރަހައްދެއް ކަމަށެވެ. އެގޮތުން މިފަދަ ކަންކަމުން ލިބޭ ގެއްލުންތައް ކުޑަކޮށް ސަލާމަތްވެ ތިބުމަށްޓަކައި އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެއްބައިވަންތަކަމުގައި ދެމިތިބުމަކީ މުހިންމު ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ފާހަގަ ކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި މިހާރު އޮތް ގުޅުން އިތުރަށް ބަދަހިކޮށް ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން ސާކްގެ މެންބަރު ޤައުމުތަކަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަން ކަށަވަރު ކޮށްދެއްވާފައިވެއެވެ. އަދި ދިވެހިރާއްޖެއިން އަބަދުވެސް މި ސަރަހައްދުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ކުރިއެރުމާއި ސަލާމަތާއި ހަމަޖެހުން ޤާއިމްކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ހާމަކުރައްވާފައިވެއެވެ.